ރާއްޖެއަކީ އެއްވެސް މިންވަރަކަށް ކޮރަޕްޝަން ނެތް ޤައުމަކަށްވެގެންދާނެ: ނިހާން
ކޮރަޕްޝަން މަނާކުރުމަށާއި ހުއްޓުވުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިޞްލާޙްތަކުގެ ސަބަބުން ރާއްޖެއަކީ އެއްވެސް މިންވަރަކަށް ކޮރަޕްޝަން ނެތް ޤައުމަކަށްވެގެންދާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިހާން ވިދާޅުވީ ޤާނޫނުލްޢުޤޫބާތަށް މިއަދު ހުށަހެޅި އިޞްލާޙްގައި ކޮރަޕްޝަންގެ އަމަލެއް ކޮށްފިނަމަ ދޭނެ އަދަބާއި ކަންކަން ކޮރަޕްޝަނަށް ވެގެންދާނެ ގޮތް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.
ނިހާން ވިދާޅުވީ ކޮރަޕްޝަނަކީ ކުށަކަށް ނުހެދުމުގެ ވިސްނުން އެއްވެސް އިރެއްގައި މިސަރުކާރުން އަދި ޕީޕީއެމުން ގެންގުޅެފައި ނުވާނެ ކަމަށާއި ތުހުމަތުތައް ކުރީ މި ބިލް މަޖިލީހަށް ހުށަހެޅުނުކަން ޢާންމުންނަށް އެނގުން ލަސްވުމުން ކަމަށެވެ.
ސަރުކާރުން ވެސް އަދި ޕީޕީއެމުން ވެސް ބޭނުންވަނީ ރާއްޖެއަކީ އެއްވެސް މިންވަރަކަށް ކޮރަޕްޝަނުގެ އަމަލުތައް ނުހިނގާ ޤައުމަކަށް ހެދުން ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.
މިބިލާއިއެކު ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހުށަހެޅި ބިލު ޢާންމުވެ މަޖިލީހުގެ ވެބްސައިޓުގައި ޢާންމުކޮށްފައިވާއިރު މި ބިލުގެ ކަންކަން މިހައި ލަސްވެގެން އައި ސަބަބާއިމެދު ޤާނޫނީ އަދި ސިޔާސީ ބޭފުޅުން ގެންދަވަނީ ކަންބޮޑުވުން ފައުލުކުރައްވަމުންނެވެ.