12 މެންބަރުން މަޖިލީހަށް ވަނަނުދެނީ ރައީސް ޔާމީން: މެންބަރު ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
12 މެންބަރުން މަޖިލީހަށް ވަނަނުދެނީ ރައީސް ޔާމީން: މެންބަރު ލަޠީފް
ގޮނޑި ގެއްލިފައިވާ ކަމަށް މަޖިލީހުން ކަނޑައަޅާފައިވާ 12 މެންބަރުން، މަޖިލީހަށް ވަނަނުދީ ހުރަސް އަޅުއްވަމުން ގެންދަވަނީ ރައީސް ޢަބްދުﷲ ޔާމީން ކަމަށް ދިއްދޫ ދާއިރާގެ މެންބަރު ލަޠީފް ވިދާޅުވެއްޖެއެވެ.

މެންބަރުން މަޖިލީހަށް ވަދެވަޑައިގަންނަވަން މަސައްކަތްކުރެއްވުމުން މަޖިލީހުގެ ސެކިޔުރިޓންނާއި ފުލުހުންނާއި އެމްއެންޑީއެފުން މެންބަރުން މަޖިލީހަށް ވަދެވަޑައިގަތުމަށް ހުރަސްއަޅައި ހުއްޓުވުމުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ލަޠީފް ވިދާޅުވީ ސަލާމަތީ ބާރުތައް މެދުވެރިކުރައްވައިގެން މެންބަރުން މަޖިލީހަށް ވަދެވަޑައިގަތަ ނުދެއްވަނީ ރައީސް ޢަބްދުﷲ ޔާމީން ކަމަށެވެ.

ލަޠީފް ވިދާޅުވީ ޤާނޫނާއި އެއްގޮތަށް ރާއްޖޭގައި ވެރިކަމެއް ކުރެވޭނެ ހަމައެކަނި ގޮތަކީ މިސަރުކާރުގެ ވެރިކަން ނިމުމަކަށް ގެނައުން ކަމަށާއި 23 ސެޕްޓެމްބަރުގައި ރައްޔިތުން ލާ ވޯޓުން ރައްޔިތުން ބޭނުންވާ ގޮތް ހާމަކުރާނެ ކަމަށެވެ.

ވިލިގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވީ 12 މެންބަރުން މަޖިލީހަށް ވަންނަން މަސައްކަތްކުރަނީ އެ މެންބަރުންގެ ގޮނޑި ގެއްލިފައިނުވާކަން ސްޕްރީމް ކޯޓުގެ ނިންމުންތަކުން ވަރަށް ސާފުކޮށް އެނގޭތީ ކަމަށެވެ. އަދި 12 މެންބަރުންގެ ދާއިރާތަކުގެ މެންބަރުންގެ ޙައްޤުތައް ހިމާޔަތް ކުރުމަށް ކަމަށެވެ.

12 މެންބަރުން މަޖިލީހަށް ވަނުމަށް ހުރަސްއަޅާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ދުވަސް ވަރަށް ގާތްވެއްޖެ ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.
މިއަދު އޮންލައިން