2019 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލެއަށް ދެ ގޮނޑި އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ލަފާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކުގެ އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓްގައި ވާގޮތުން އަންނަ އަހަރު މާލެއަށް ދެ ދާއިރާ އިތުރުކޮށް އެ ދެ ދާއިރާއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެންބަރުން ހޮވާނެ އެވެ.
5000 މީހުންގެ އާބާދީއެއް ހިމެނޭ ކޮންމެ ދާއިރާއަކަށް މެމްބަރެއް އިންތިހާބު ކުރާއިރު, މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގައި މާލެ ތަމްސީލް ކުރައްވާ 13 މެންބަރުން ތިއްބަވަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި 85 މެންބަރުންގެ އަދަދު އިތުރު ވިޔަ ނުދިނުމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުން 16 އޯގަސްޓް 2016 ގައި ވަނީ ބޭރުކޮށްލައިފައެވެ.