ޝަރުއީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލުގެނެސްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ޝަރުއީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލުގެނެސްފި
ޝަރުއީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑި ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށް ބަދަލުކޮށް އަމަލުކުރަން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ޝަރުއީ ދާއިރާގެ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށް ކަމަށް ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ ކަމަށެވެ.

މި ބަދަލާ އެކު ޝަރުއީ ދާއިރާގެ މުވައްޒަފުން މަސައްކަތް ކުރާނީ، ސިވިލް ސާވެންޓުންނާ އެއް ވަރަށް ރަސްމީ ކޮންމެ ދުވަހަކު ހަ ގަޑި އިރެވެ.

ޑީޖޭއޭ އިން އެންގުމުގައި ބުނެފައިވަނީ މަސައްކަތު ގަޑި އަށް ބަދަލު ގެނައުމުން، ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން ކޮންމެ މުވައްޒަފަކަށް ވެސް މެންދުރު ފަހު 12:00 އިން 1:00 އާ ދެމެދު 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ދޭން ޖެހޭނެ ކަމަށެވެ. އަދި ކޯޓާއި އިދާރީ މަސައްކަތް މެދުނުކެނޑި ހިނގާނެ ގޮތެއްގެ މަތިން ހުސް ވަގުތުތައް ހަމަޖެއްސުމަށް ވެސް އެދިފައިވެ އެވެ.

ރަސްމީ މަސައްކަތު ގަޑި އަށް ބަދަލުގެނައި ނަމަވެސް، ޝަރުއީ ދާއިރާގައި ޑިއުޓީ އުސޫލުން މަސައްކަތް ކުރާ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ އެ މުވައްޒަފަކު ޑިއުޓީކުރަން ހަމަޖެހިފައިވާ ވަގުތު ކަމަށް އެ އެންގުމުގައި ބުނެފައިވވެ އެވެ.

މީގެކުރިން ޝަރުއީ ދާއިރާގެ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށް ހަތް ގަޑިއިރެވެ.

މިއަދު އޮންލައިން