ރިޔާސީ އިންތިޚާބުގައި ރީރަޖިސްޓްރީކުރަން ފޯމް ހުށަހަޅަން މިހާރު ހުޅުވާލާފައިވާ ފުރުޞަތުގެ މުއްދަތު ހަމަވުމުން އަލުން ރީރަޖިސްޓަރވާންޖެހޭ މީހުންނަށް 3 ދުވަހުގެ ފުރުޞަތެއް ދޭނެކަމަށް އިލެކްޝަންސް ކޮމިޝަނަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިއަދު ވިދާޅުވީ ފޮށްޓެއްގައި ވޯޓުލާން ރަޖިސްޓްރީކުރަންޖެހޭ އަދަދަށް ފޯމް ހުށަހަޅާފައިނުވާނަމަ އެފޮށިތައް ނުބަހައްޓާނެ ކަމަށެވެ.
އެހެންކަމުން އެ ފޮށިތަކަށް ފޯމް ހުށަހެޅި މީހުން ބޭނުންވާ އެހެން ފޮށިތަކަށް ރަޖިސްޓްރީ ވުމަށް އެމީހުންނަށް އިތުރު 3 ދުވަހުގެ ފުރުޞަތެއް ދޭނެ ކަމަށެވެ.
ރީރަޖިސްޓަރ ކުރުމަށް އެދުނު 24،000 މީހުން ވަނީ މިހާރުވެސް ރަޖިސްޓްރީކޮށްދީފައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. ރީރަޖިސްޓަރ ކުރުމަށް ދީފައިވާ މުއްދަތު މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.
ރީރަޖިސްޓަރކުރަންޖެހޭ އެންމެން ރީރަޖިސްޓަރކޮށް ނިންމުމަށް ސަރުކާރު ހިންގާ ޕީޕީއެމުންނާއި އިދިކޮޅު ޕާޓީތަކުން ގެންދަނީ މަސައްކަތްކުރަމުންނެވެ.
++++