މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާންޖެހޭ ފޮށި ކޮންމެ ވަގުތަކުވެސް އިލެކްޝަންސް ކޮމިޝަނުން ބަދަލުކޮށްފާނެ ކަމަށާއި ވަކިކަމެއް އެކޮމިޝަނުން ނުކުރާނެ ކަމަށް އެއްވެސް އިތުބާރެއް ނެތް ކަމަށް ގުޅިފައިވާ ކޯލިޝަނުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަމީރު ވިދާޅުވީ ވޯޓުލާންޖެހޭ ފޮށި އެންމެ ފަހަރަކު ބަލައިގެން ފަރުޖައްސައިލެވޭނެ ގޮތެއް ނެތް ކަމަށާއި ކޮންމެ ވަގުތަކުވެސް ފޮށި ބަދަލުކޮށްފާނެ ކަމަށް ބަލައި ދުވާލަކު އެއްފަހަރު އެސްއެމްއެސްކޮށް ޔަޤީންކުރަން ޖެހޭ ކަމަށެވެ.
ކޯލިޝަނުން ބުނީ ޕީޕީއެމުން ރީރަޖިސްޓްރީ ކުރަން ފުރާ ފޯމުގައި ހެކިވެރިންގެ ނަން އޮންނަނީ ޕްރިންޓްކޮށްފައި ކަމަށާއި އެއީވެސް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. "ހަޤީޤަތަށް ބަލާނަމަ ހެކިވެރިންނަކީ ފޯމުގަ ސޮއިކުރާއިރު އެކަން ބަލަން ހުންނަ މީހަކަށް ވާންޖެހޭނީ. ހުރިހާ ފޯމެއްގަ ހެކިވެރިންނަށް އެކެއްގެ ނަން ހުރުމަކީ މައްސަލައެއް. އެމީހަކު ނެތި ފުރާ ފޯމެއްގެ ހެކިވެރިއަކަށް ނުވެވޭނެ."
އެމްޑީީޕީގެ ނިޔާޒް ވިދާޅުވީ ކިތަންމެ ވަރަކަށް މަކަރުހަދަން ބޭނުންވި ނަމަވެސް އެކަން ކުރެވޭނީ ވަކި ވަރަކަށް ކަމަށާއި މިފަހަރަކީ އެންމެ ގިނަ ބައަކު ނުކުމެ ވޯޓުލާ ފަހަރަށް ވެގެންދާނެ ކަމަށެވެ. "ކުރީ ފަހަރު ވޯޓުލާފައިވަނީ 92%. މިފަހަރު އެއަށްވުރެ ގިނަ ބައަކު ނުކުމެ ވޯޓުލާނެ. ވޯޓުލާނީ ބަދަލަށް."
ނިޔާޒް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން، އެކަމިޝަނުން ކަންކަން ކުރާނީ އެންމެ އިންށާފުވެރިކަމާއިއެކު ކަމަށް ބުނި ނަމަވެސް އަމަލުން އެކަން ނުފެންނަ ކަމަށެވެ. އަމަލުން ފެންނަނީ ވީހައި ގިނަ ހުރަސްތައް ކުރިމަތިކުރުވައި ވޯޓުލާ މީހުންގެ އަދަދު މަދުކުރުވަން މަސައްކަތްކުރާތަން ކަމަށެވެ. އެހެންކަމުން މައްސަލަތައް ސަރުކާރުގެ ކަމާއިބެހޭ ހުރިހާ މުއައްސަސާތަކަށް ހުށަހަޅަމުން ގެންދާނެ ކަމަށެވެ.