ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގައި ކިޔަވާ ދަރިވަރުންނާއި ބެހޭ މައުލޫމާތު ރަށުގައި ތިބޭ ބެލެނިވެރިން ޕޯޓެލަކުން ވަގުން ވަގުތަށް ބެލޭނެ ގޮތް އެސްކޫލުން ހަދައި ބެލެނިވެރިންނާއި ޕޯޓެލް ހަވާލުކޮށްފިއެވެ.
"ބެލެނިވެހި" ގެ ނަމުގައި މިއަދު އިފްތިތާޙް ކުރި މި ޕޯޓެލްގެ ސަބަބުން ކުދިން ހާޒިރުވާ ކްލާސްތަކާއި އިމްތިހާންތަކުގައި ހޯދާ ނަތީޖާ އާއި ގޭގައި ފުރިހަމަކުރަން ދޭ މަސައްކަތް ފުރިހަމަކުރާ މިންވަރު ފަދަ ދަރިވަރާއިބެހޭ މުހިންމު މައުލޫމާތުތައް ލިބިގެންދާނެއެވެ.
ޕްރިންސިޕަލް ސަޢީދު އަޙްމަދު މިއަދު ވިދާޅުވީ މިއީ އެ ސްކޫލުގެ އަމިއްލަ އުފެއްދުމެއް ކަމަށާއި ކޮންމެ ދަރިވަރެއްގެ 1 ބެލެނިވެރިއަކަށް މި ޕޯޓެލް ބޭނުންކޮށްގެން ދަރިވަރާއިބެހޭ ހުރިހާ މައުލޫމާތުތަކެއް ވަގުތުން ވަގުތަށް ހޯދޭނެ ކަމަށެވެ. "ކޮންމެ ކުއްޖެއްގެ ވެސް އެއް ބެލެނިވެރިއަކަށް އަދި ފުރުޞަތު މިދެނީ. އެއީ ރަށުގައި ހުރި މަންމަ، ބައްޕަ ކަމަށްވީނަމަވެސް މައްސަލައެއް ނެތް. އަދި މާލޭގައި ހުންނަ ބެލެނިވެރިޔާ ކަމަށްވީ ނަމަވެސް މައްސަލައެއް ނެތް."
ސަޢީދު ވިދާޅުވީ ދަރިވަރު ގެނެސް ސްކޫލުކައިރިއަށް ބާލައި ދިނުމުން އަދި ނުނިމޭ ކަމަށާއި ސްކޫލުގައި ދަރިވަރު ހޭދަކުރާ ވަގުތުތަކުގައި ކަންތައްތައް ކުރާ ގޮތް ބެލެނިވެރިންނަށްވެސް އެނގުން މުހިންމު ކަމަށެވެ. ހުރިހާ ދަރިވަރުންނަކީ ހުރިހާ މާއްދާއެއް ކިޔަވާ ދަރިވަރުން ކަމަށް ނުވުމުން ލިބޭ ހުސްވަގުތުތަކުގެ ބޭނުން ހިފާ ގޮތާއި ޖެހިގެން އޮންނަ ގަޑީގައި ކްލާހަށް ވަންކަން ވެސް ބެލެނިވެރިންނަށް އެނގުން މުހިންމު ކަމަށެވެ.
ސަޢީދު ވިދާޅުވީ މި ޕޯޓެލްގެ ސަބަބުން ބެލެނިވެރިންނަށް އެނގެން ބޭނުންވާ ކަންކަން އެނގެމުންދާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ޕޯޓެލްގައި އިތުރު ކަންތައްތައް ހިމަނުއްވާނެ ކަމަށެވެ. މި ޚިދުމަތުގެ ސަބަބުން ދަރިވަރުންނާއި ސުވާލުކޮށް އޮޅުންފިލުވަންޖެހޭ ކަންކަން ބެލެނިވެރިންނަށް މިހާރުވެސް ފަސޭހަކަމާއިއެކު ވަގުތުން އެނގެމުންދާނެ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
މަދު ދަރިވަރުންގެ ކިބައިން ނަމަވެސް ތަފާތު މައްސަލަތައް ފެންމަތިވަމުން އަންނައިރު މިފަދަ ޕޯޓެލެއްގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކުރެވޭއިރު މިއީ އެސްކޫލުން ހޯދި ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ.
ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ވަނީ މިހާރުވެސް "ދަސްވެހި" ގެ ނަމުގައި ޓީޗަރުންނާއި ދަރިވަރުން ގުޅުވާލަދޭ ޕޯޓެލެއް ތަޢާރަފްކޮށްފައެވެ. ދަރިވަރުން ގެންދަނީ އެ ޕޯޓެލް މެދުވެރިކޮށް ގޭގައި ތިބެގެންވެސް ޓީޗަރުންގެ ކިބައިން އޮޅުން ފިލުވަން ބޭނުންވާ މައުލުމާތު އޮޅުންފިލުވަމުންނެވެ.