ފާއިތުވި ހަފްތާއެއްހައި ދުވަހު މަޣްރިބް ނަމާދަށް ގޮވުމާއިއެކު ވެމްކޯއިން އުނިއުކާލަން ބޭނުންކުރާ ޓައްޕުތައް އިސްކަންދަރު މިސްކިތް ކައިރިއަށް ޖަމާކުރަން ފަށައެވެ. ޖަމާކުރަން ފެށުމާއިއެކު ސަރަހައްދުގައި ކުނިވަސް ދުވަސް ފަށައެވެ. މިސްކިތަށް ވަންނަން ޖެހެނީ ގައިން ކުނިވަސް ދުއްވަމުންނެވެ.
ކުނި ލޮރީ އައިސް 8:30 ހައިއިރު ކުނިތައް ގެންދެއެވެ. އެހެންކަމުން ޢިޝާ ނަމާދަށް އަރަންޖެހެނީ ގައިން ކުނިވަސް ދުއްވަމުންނެވެ. މަތި ނުޖެހޭ ވަރަށް ކުނި އަޅާފައި ހުންނަ ޓައްޕުތަކާއި މަތި ނެތް ޓައްޕުތައްވެސް ހުންނާތީ ވަސްގަނޑު ވަރަށް ރަނގަޅެވެ. ވަސްގަނޑު އެންމެ ރަނގަޅުވަނީ ލޮރީ އައިސް ފިއްތައިގެން ކުނިތައް ލޮރީއަށް އަރުވާ ވަގުތުގައެވެ.
އެހެންކަމާއިއެކު ކެތް ކުރުން ނޫން ގޮތެއް ނެތުމުން ކުރެވޭނެ އެއްވެސް ކަމެއް ނެތިފައި ތިއްބާ ރެއަކީ އާދައާ ޚިލާފަށް ޔަހޫދީން ފަލަސްޠީނުގެ މިސްކިތްތަކަށް ޖެއްސުންކުރާ ފަދައިން ކަންކުރި ރެއެކެވެ. ޢިޝާ ނަމާދަށް ބަންގި ގޮވި ވަގުތަކީ ކުނި ލޮރީ އައިސް މިސްކިތު ދޮރުމައްޗަށް ޕާކުކުރިވަގުތެވެ. ނަތީޖާއަކަށްވީ ޖަމާއަތުގައި ނަމާދުކޮށް ނިމި ބައެއް މީހުން ސުންނަތް ކުރަންދެންވެސް ކުނި ބަރުކުރަމުން ދިއުމެވެ. ލޮރީ އޮތީ ސީދާ މިސްކިތު ދޮރުމަތީގައި ކަމަށްވެފައި މިސްކިތް ހުންނަނީ މަގާއި ވަރަށް ގާތުގައި އެންމެ ހައަކަ ފޫޓުގައި ކަމަށްވުމުން މަސައްކަތްކުރަމުންދިއައިރު، ޖަމާއަތުގައި ނަމާދުކުރަމުން ދިއުމުން ހީވަނީ މިސްކިތުކައިރީގައި 300 ކޭވީއޭގެ އިންޖީނެއް ހިންގާހެންނެވެ. އެހެންކަމުން ޚުޝޫއަތްތެރިކަމާއިއެކު ނަމާދުކުރަން ވަރަށް ބޮޑަށް އުނދަގޫވިއެވެ.
8:15 ހައިއިރު މިސްކިތުން ފޭބިއިރު އިރު އުޅެނީ ލޮރީއަށް ހަރަކާތް ނުކުރެވިގެންނެވެ. މަގު ބެދުމުން އެއިރު ބަރުގޮނުގެ އަޑު ނުކެނޑޭތާ އެތައް އިރެއް ވެއްޖެއެވެ. ނަމާދު ވަގުތަށް ކުނި ލޮރީ ގެނެސް މަސައްކަތްކުރުމުން ނަމާދުކުރަން އުނދަގޫވާކަމާ އެކަން އެގޮތަށް ކުރާނަމަ ވެރިންނަށް އަންގާނެކަމަށް ބުނުމުން ލޮރީގައި ތިބި މީހުން ޖަހައިލީ މަލާމާތުގެ ހިނިގަނޑެކެވެ. ހިނގަނޑު ޖެހީ ދިވެއްސެއް ކަމަށް ޤަބޫލުކުރެވެއެވެ. ކިތަންމެ ރުޅިއައި ނަމަވެސް ކުރެވޭނެ ހަމައެއްވެސް ކަމެއް ނޯންނާނެކަމަށް ބުނާފަދައެވެ. ހަމަ ޔަހޫދީ ސިފައިންވެސް އަމަލުކުރާ ގޮތަށެވެ.
ކުނި އުކުމަކީ ކުރަންޖެހޭ ކަމެކެވެ. މަޑުކުރަންޖެހޭ ސަރަހައްދުތަކަށް މަޑުކުރަންވެސް ޖެހޭނެއެވެ. ނަަމަވެސް ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ޤައުމެއްކަމަށް ޤާނުނުގައި ބަޔާންކޮށްފައި އޮންނަ ޤައުމެއްގައި ޖަމާއަތުގައި ނަމާދުކުރަން އުނދަގޫ ނުވާނެ ގޮތަކަށް މިސްކިތްތައް ކައިރިއަށް ވެސް ލޮރީ ކައިރި ކުރެވޭނެ ގޮތަކަށް މަސައްކަތްތައް ތާވަލުކުރެވިދާނެ ކަމަށް ފެނެއެވެ. މިސްކިތްތައް ކައިރިއަށް ކުނި ލޮރީ ކައިރިކުރާ ގަޑިއާއި ކުނި ޖަމާކުރާ ގަޑިއަކީ ޖަމާއަތުގައި ނަމާދުކުރާ ގަޑި ނޫން ކަމަށް ހަމަޖެއްސިނަމަވެސް ކުނި އުކައިލެވޭނެ ކަމަށް ވެސް ފެނެއެވެ.
ބަންގާޅީން ކުނި އުކި ދުވަސްވަރު މިސްކިތްތަކުގައި ޖަމާއަތުގައި ނުކުރެވިގެން، މިސްކިތަށް އަރަންދާއިރު ގައިން ކުނިވަސް ދުވައިގެން އުޅޭކަށް ނުޖެހެއެވެ. އެހެންކަމުން މިގެނެވުނު ބަދަލަކީ ހަމަ އެންމެ ރަނގަޅު ބަދަލެއް ކަމާއިމެދުވެސް މިވަނީ ސުވާލު އުފެދިފައެވެ. ޤައުމެއްގައި އިސްލާމް ދީން މަތިކުރެވޭނީ ސިޔާސީ ޕޯޑިއަމްތަކުގައި އަޑުގަދަކުރުމަކުން ނޫން ކަމާއި ދައުލަތުން ކުރާ ކަންކަން ކުރުމުގައި އިސްލާމް ދީން މަތިވެރިކުރެވޭނެ ގޮތަށް އަމަލުކޮށްގެން ކަމަށްވެސް ޤަބޫލުކުރެވެއެވެ.
ވެމްކޯގެ ހުރިހާ ކަމެއް ބަލަހައްޓަވާ "މަމީ ވެރިޔާ" މިފަދަ ކަންކަމަށް ސަމާލުކަން ދެއްވާނެ ނަމައެވެ. މިސްކިތްތަކުގައި ނަމާދުކުރުމަށް ހުރަސް ނުއެޅޭނެ ގޮތަށް ކަންކަން އިންތިޒާމުކޮށްދޭނެ ނަމައެވެ.
މިޚަބަރުގައި އެވާ ކުނިޓައްޕުތަކުގެ ފޮޓޯއަކީ މީގެ ދެރޭ ކުރިން އިޝާ ނަމާދަށް ދިއަ ވަގުތު ނަގާފައިވާ ފޮޓޯއެކެވެ. މިސްކިތު ދޮރުމަތީގައި ކުނި ލޮރީ އޮތް ފޮޓޯއަކީ ރޭގެ އިޝާ ނަމާދު ޖަމާއަތުގައި ކޮށް ނިމިގެން ފައިބާ ނެގި ފޮޓޯއެކެވެ. މި މަންޒަރު ބަލަން "މަމީ ވެރިޔާ" ނެތުމުންނާއި މަންޒަރު ފެނުނީ އަޅުގަނޑުގެ ލޮލަށް ކަމަށްވެފައި ނަމާދުކުރަން އުނދަގޫވި މީހުންގެ ތެރޭގައި އަޅުގަނޑު ހިމެނޭތީ މިވާހަކަތައް ލިޔަން "މަމީ ވެރިޔާ"އަކަށް ނުގުޅަމެވެ. "މަމީ ވެރިޔާ" ބޮޑު މުސާރަ ނަގައިގެން ފިނި ކޮޓަރީގައި އިންނައިރު މަގުމަތީގައި މިހިނގާ ކަންކަން ފެންނާނެ ކަމަށް ޤަބޫލުނުކުރެވޭތީއެވެ.
ވެމްކޯއިން މާލޭގެ ކުނި އުކާތާ މިހައި ދުވަސްވިިރުވެސް އިސްކަންދަރު މިސްކިތުގައި ނަމާދުކުރަން އުނދަގުލެއް ނުވެއެވެ. އެހެންކަމުން އަދިވެސް ނަމާދުކުރަން އުނދަގޫ ނުވާނެ ގޮތަށް ކުނި އުކޭނެ ކަމަށް ޤަބޫލުކުރެވެއެވެ.