އަމަލު ކުރަނީ އެންމެ ފުޅާ ދާއިރާއެއްގަ މަޝްވަރާކޮށްގެން އެކުލަވާލި މަންހަޖަށް- ނަތީޖާ ފެންނަން ފަށާނީ 2025 ވަނަ އަަހަރު: ޑރ. ނަޒީރު
ރާއްޖޭގައި މިހާރު އަމަލުކުރަމުން ގެންދާ ތައުލލީމީ މަންހަޖަކީ ރާއްޖޭގައި އެންމެ ފުޅައު ދާއިރާއެއްގައި މަޝްވަރާކޮށްގެން އެކުލަވާލާފައިވާ ޤައުމީ މަންހަޖު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވެއްޖެއެވެ.
ޑރ. ނަޒީރު މިއަދު ވިދާޅުވީ 2015 ވަނަ އަަހަރު އަމަލުކުރަން ފެށި އައު ތައުލީމީ މަންހަޖުގެ ނަތީޖާ ފެންނަން ފަށާނީ 2025 ވަނަ އަަހަރު ކަމަށެވެ. އެހެންކަމުން މިހައި އަވަހަށް މަންހަޖުގެ ކާމިޔާބު ކަމާއިމެދު ބަސްފުޅެއް ވިދާޅުވަން އުނދަގޫފުޅު ކަމަށެވެ.
ޑރ. ނަޒީރު ވިދާޅުވީ މަންހަޖަށް ޢާންމުންގެ 11،000 މީހުން ކޮމެންޓުކުރި ކަމަށާއި ކަމާއިބެހޭ ސަރުކާރުގެ އިދާރާތަކުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ލަފާވެސް ހޯދާފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އަމަލުކުރާ ތައުލީމީ މަންހަޖަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ފުޅައުދާއިރާއެއްގައި މަޝްވަރާ ކުރެވިގެން އެކުލަވާލާފައިވާ މަންހަޖު ކަމަށެވެ.
ޑރ. ނަޒީރު ވިދާޅުވީ އައު މަންހަޖުގައި އެންމެ މުހިންމު ކަމެއް ދެވިފައިވާ އެއްކަމަކީ ތަރުބިއްޔަތުގެ ބައި ކަމަށެވެ. އެހެންކަމުން 2015 ވަނަ އަހަރު ގްރޭޑް 1 ގައި ކިޔަވަންފެށި ދަރިވަރުން ސްކޫލް ނިންމުމުން އައިސްފައިވާ ބަދަލު ފެންނާނެ ކަމަށެވެ.
މިސަރުކާރުގެ ވެރިކަން ފެށުމާއިއެކު ރާއްޖޭގައި ތިއްބެވި އެންމެ އިސް ޢިލްމުވެރިންނާއި ތަޖުރިބާކާރުން ބައިވެރިވެގެން ޤައުމީ މަންހަޖަށް ވަނީ އިޞްލާޙްތަކެއް ގެނެސްފައެވެ. އެ މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންގެތެރޭގައި ތައުލީމީ ދާއިރާއަށް ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އާއި ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު ހިމެނިވަޑައިގަންނަވައެވެ.
އަދި މަސައްކަތް އެންމެ ގާތުން ބެލެހެއްޓެވި ބޭފުޅުންގެ ތެރޭގައި ޑޮކްޓަރ އޮފް ފިލޯސޮފީ ހައްދަވައިގެން ތިއްބެވި ޢިލްމީ ޑޮކްޓަރުން ހިމެނިވަޑައިގަންނަވައެވެ. ތައުލީމީ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އާއި ޑރ. ޢަބްދުﷲ ނަޒީރު ވެސް ހިމެނިވަޑައިގަންނަވައެވެ. އަދި އައު ތައުލީމީ މަންހަޖަށް އެހީތެރިވެވަޑައިގެން ދެއްވި ބޭފުޅުންގެތެރޭގައި އެއިރުގެ އިސްލާމިކް މިނިސްޓަރު، ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް ހިމެނިވަޑައިގަންނަވައެވެ.
އެހެންކަމާއިއެކުވެސް ތައުލީމީ މަންހަޖުގައި މިހާރުވެސް ބޮޑެތި މައްސަލަތަކެއް އެބަހުރިކަމާއި ގިނަ އަދަދެއްގެ ޒުވާނުން ޝަރީކު ކުރަމުންދާކަން ރައީސް ޢަބްދުﷲ ޔާމީން ވަނީ ފާހަގަކުރައްވައިފައެވެ. ރައީސް ޔާމީން ވަނީ އެ މައްސަލަތައް އިޞްލާޙްކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ގިނަބައަކު ބުނަނީ އިނގިރޭސި މީޑިއަމަށް ކިޔަވައިދިން ނަމަވެސް މައުހަދު ހުރިއިރު މައުހަދުން، މިހާރު އަރަބިއްޔާއިން ދަރިވަރުންނަށް ދޭ ތަރުބިއްޔަތު ހުރިހާ ސްކޫލުތަކެއްގައި ދެވޭނަމަ މައްސަލަތައް ހައްލުކުރެވޭނެ ކަމަށެވެ.