ރ. ދުވާފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ދުވާފަރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ޖުލައި 31ވަނަ ދުވަހުގެރޭ ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ފިރިހެނެކެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކުރުމުން، ދުވާފަރަށް މިމީހާ އެތެކުރި މަސްތުވާތަކެތި ރައްކާކޮށްފައިހުރި ތަނުގެ މަޢުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިވެއެވެ. އަދި ފުލުހުން އެސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 47 ރަބަރު ޕެކެޓު ފެނިފައިވާއެވެ.
މިމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރ. ކިނޮޅަހު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފަވެއެވެ.