މީގެ ހަތަރު އަހަރު ކުރިން މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙުމަދު ރިޟްވާން ގެއްލުނު މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ދެ މީހުންގެ މައްޗަށް ކުސް ސާބިތުނުވާ ކަމަށް ނިންމާ އެ ދެމީހުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ރިޟްވާން ގެއްލުވާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ގ. ހިލްޓަން އާލިފް ރައޫފް އާއި ގދ. ވާދޫ ކަރަންކާގެ މުޙައްމަދު ނޫރައްދީން ގެ މައްޗަށެވެ.
އާލިފް ރައޫފް އާއި މުޙައްމަދު ނޫރައްދީން ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލާފައިވަނީ އެމައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން މުހިންމު ބައެއް ކަންކަން ފުރިހަމަ ކޮށްފައިނުވާކަން ޝަރީޢަތުގެ މަޖިލީހުން ފާހަގަކޮށްފައެވެ.
އެގޮތުން 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ރޭ ހުޅުމާލެއިން ރިޟްވާން ގެއްލިފައިވާ ކަމަށް ހެކިވެރީން ބުނާއިރު، އެ ވަޅީގެ ފޮރެންސިކް އެނަލިސިސް ފުލުހުން ހަދާފައިނުވާކަން ވެސް ޝަރީޢަތުން ވަނީ ފާހަގަ ކޮށްފައެވެ.