މިއަދު މިހާތަނަށް ލިބުނު ޚަބަރުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ފުން އަސަރެއް ކުރުވި އެއް ޚަބަރަކީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙުމަދު ރިޟްވާން ގެއްލުވާލި ކަމަށް ދައުލަތުން ދައުވާ އުފުލާފައިވާ ގ. ހިލްޓަން އާލިފް ރައޫފް އާއި ގދ. ވާދޫ ކަރަންކާގޭ މުޙައްމަދު ނޫރައްދީން ގެ މައްޗަށް، ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ޚަބަރެވެ.
2014 ވަނަ އަހަރު އޯގަސްޓް މަހުގެ 8 ވަނަ ދުވަހުން ފެށިގެން ރިޟްވާން ގެއްލިފައިވާއިރު، އެރެއަށްފަހު އޭނާ ގެއްލުނު މައްސަލަ ވަނީ ވަރަށް ބޮޑު ސުވާލު މާކެއްގެ ތެރޭގައެވެ. ޖަވާބެއް އިންސާފެއް ލިބުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި އެއް ބަޔަކީ ރިޟްވާންގެ އާއިލާއެވެ.
ރިޟްވާން ގެއްލުނު މައްސަލަ ތަހުގީގުކޮށް އެމައްސަލައިގެ އަޑުއެހުންތައް ސިލްސިލާކޮށް ބާއްވާ މައްސަލައިގެ ހުކުމް މިއަދު އިއްވިއިރު، ގިނަ ބަޔަކަށް ވަނީ ބޮޑު ހައިރާން ކަމެއް ލިބިފައެވެ. އެހުކުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއްކޮށް ހިތާމަ ލިބުނީ ރިޟްވާން ގެ އާއިލާއަށެވެ.
މިއަދު އިއްވުނު ހުކުމާއި ގުޅޭގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެމުން ރިޟްވާންގެ ދައްތަ ފާތިމަތު ޝެހެނާޒް ބުނީ އެހުކުމް އެއްވެސް ވަރަކަށް ބަލައި ނުގަންނަ ކަމަށާއި ހުކުމް އިސްތިއުނާފް ވެސް ކުރަން ތައްޔާރަށް ހުރި ކަމަށެވެ.
މީގެއިތުރުން ޝެހެނާޒް ބުނެފައިވަނީ މިމައްސަލަ ތަހުގީގު ކުުރުމުގައި ފުލުހުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި ފުލުހުންނާމެދު ދައުވާ ކުރާނެ ކަމަށެވެ.
"މިވަރުގެ ބޮޑު ޖިނާއީ ކުށެއް ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލު ވަރަށް ބޮޑު. އެހެންކަމުން ދައުވާ ކުރާނަން. ރިޟްވާން ގެއްލުވާލިކަމަށް ތުހުމަތު ކުރެވުނު ދެމީހުންނަށް ކޮށްފައިވަނީ ޓެރަރިޒަމް ގެ ދައުވާ. އެ ދައުވާގެ އެހެން ބޮޑެތި މީހުން ހައްޔަރު ކޮށްފައިވާއިރު، މިދެމީހުން (އާލިފް ރައޫފް އާއި މުޙައްމަދު ނޫރައްދީން) ތިބީ ކުރިިން ވެސް މިނިވަންކަމާއެކީ ދޫކޮށްލާފަ." ޝެހެނާޒް ބުނެފައިވެއެވެ.
ރިޟްވާން ގެއްލުވާލި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން މުހިންމު ބައެއް ކަންކަން ފުރިހަމަކޮށްފައި ނުވާކަން ޝަރީޢަތުން ވެސް ވަނީ މިއަދު ފާހަގަ ކޮށްފައެވެ.
އެކަމާއިމެދު ރިޟްވާންގެ ދައްތަ ބުނެފައިވަނީ ސީސީޓީވީ ފުޓޭޖް ހުށަހަޅާފައިވާއިރު، އެފުޓޭޖުން ބަލަން ބޭނުންވި އެއްޗެއް ޝަރީޢަތަށް ހުލުހުން ހުށަހަޅާފައި ނުވާ ކަމަށެވެ. މީގެއިތުރުން ހުޅުމާލެއިން ރިޟްވާން ގެއްލުވާލި ކަމަށް ބުނާ ސަރަޙައްދުން ވަޅިއެއް ފެނިފައިވާ ކަމަށް ހެކިން ބުނާއިރުއެވަޅީގެ ފޮރެންސިކް އެނެލިސިސް އެއްވެސް ނެގިފައި ނުވާކަން ޝެހެނާޒް ފާހަގަ ކޮށްފައިވެއެވެ.
ރިޟްވާން ގެއްލުނު ރެއިން ފެށިގެން އޭނާ ހޯދުމުގައި ފާއިތުވީ ހަތަރު އަހަރު އެންމެ އިސްކޮށް ހަރަކާތްތެރިވީ އެކަކީ، އޭނާގެ މަންމަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމާއެކު އަނެއްކާވެސް، އެމަންމަ ވަނީ މާޔޫސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ.
"މަންމަގެ ހާލު ވަރަށް ދެރަ. ރޮނީ ހަމަ. އެހެނެއްނު ވާނީ ދޯ. ކޮންމެ މީހަކު ނަމަވެސް އެމީހެއްގެ ދަރި ވީނުވީއެއް ނޭނގި އެގޮތަށް ގެއްލުނީމަ ދެރަވާނެ. އަދި އިންސާފު ލިބުމާ އެހާ ކައިރިވެފައި ހުއްޓާ އުންމީދުތައް ވިއްސިވިހާލިވުމުން ހިތް ފަޅައިގެން ދާހާވަރު ވާނެ" ޝެހެނާޒް ކިޔައިދިނެވެ.