އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރީރަޖިސްޓްރީކުރުމަށް ފުރާ ފޯމުތައް ހުރިހާ ޕާޓީތަކަކުން ވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅަމުން އަންނަ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ "އަޅުގަނޑުމެން ވަކިވަކި ޕާޓީތަކުން ހުށަހަޅާފައިވާ ފޯމުގެ އަދަދެއް ހާމައެއް ނުކުރަން. އެކަމަކު ހުރިހާ ޕާޓީއަކުން ވެސް އަންނަނީ ފޯމު ހުށަހަޅަމުން،" ކަމަށެވެ.
އިދިކޮޅު ކޯލިޝަންގެ ފަރާތުން 17،000 ފޯމު ހުށަހަޅާފައިވާ ކަމަށް ބުނާއިރު މިއަދު އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައި ވަނީ އެމްޑީޕީން ހުށަހެޅި ފޯމުތަކުގެ އަދަދު 10،000 އަށް ވެސް ނާރާނެ ކަމަށެވެ.
ސެޕްޓެމްބަރު، 23ގައި، ބާއްވާ ރިޔާސީ އިންތިހާބުގައި 263،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު 60،000 އެއްހާ މީހުން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަންތަނުގައި ވޯޓުލަށް ރަޖިސްޓްރީ ކުރާނެ ކަމަށް ބެލެވެ އެވެ.