ބ.ހިބަޅިދޫއިން ފެނުނު ހަތިޔާރުތަކެއްގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކޮށްފައިވާ ޓެރެރިޒަމްގެ ދައުވާއަށް ތާވަލުކުރެވުނު މިއަދުގެ އަޑުއެހުން ކެންސަލް ކޮއްފިއެވެ.
މިއަދު ހެންދުނު 10:00 ގައި ކްރިމިނަލް ކޯޓުގައި ބާވަން ހަމަޖެހުނު އަޑުއެހުން ކެންސަލްވިކަމަށް އެކޯޓުން ބުނި ކަމަށް އަދީބުގެ އަނބިކަނބަކުން މަރިޔަމް ނަޝްވާ ވަނީ ވިދާޅުވެފައި ވެއެވެ.
ހަތިޔާރުތައް ފެނުނު މައްސަލާގައި އަދީބުގެ އިތުރުން މި ދައުވާ އުފުލާފައި ވަނީ ސިފައިންގެ ބަޑިގުދަނުގެ ކުރީގެ ވެރިޔާ ކާނަލް އަހުމަދު ފަޔާޒު(ޕާޕާ) އާއި، ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ގ.އޮއިވިލާ މުހައްމަދު ހުސެއިން (އޮއިއްޓޭ) އާއި، މ.ލޭންޑް އޮފް ގާޑަން އަހުމަދު އިޝްފާހު އަލީ އާއި، މ.ސެސްނާ މުހައްމަދު އައްލާމް ލަތީފްގެ މަށްޗަށެވެ.
މުހައްމަދު ހުސެއިން އާއި އައްލާމް އާއި އިޝްފާހުގެ މަށްޗަށް ދައުވާކޮއްފައި ވީނަމަވެސް، ތިންބޭފުޅުން ރާއްޖެއިން ބޭރުގައި ވުމުން ތިންބޭފުޅުންގެ މައްސަލަ ކޯޓުން ޝަރިއަތް ފަޝާފައެއް ނުވެއެވެ.
ހިބަޅިދޫ ނެރާ ދިމާލުގައިހަތިޔާރުތައް ފައްތާފައި ވަނިކޮށް 2015 އަހަރުގެ އޮކްޓޯބަރު މަހު ސިފައިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ވަނީ ހޯދާފައި އެވެ.
ޓެރެރިޒަމްގެ ދައުވާގެ އިތުރުން ހިޔާނާތުގެ މައްސަލަތަކެއްގައި ދައުލަތުން އަދީބަށް ކޮއްފައިވާ ދައުވާ ތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިހާރުވެސް ދަނީ އަޑުއެހުންތަށް ބާވަމުންނެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވި ކަމުގެ މަސަލައާއި އެމް.އެމް.ޕީ.އާރް.ސީ ގެ ހިޔާނާތާއި ގުޅިގެން އަދީބަށް ކޮއްފައިވާ ދައުވާތައް ސާބިތުވުމުން އެމަނިކުފާނު މިހާރުވެސް ދަނީ 33 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުނަނެވެ.