ދެކުނު އެފްރިކާގެ ޖޮހަނަސްބާގައި ގާއިމް ކޮއްފައިވާ ސައުތް އެފްރިކަން އެއާވޭސް އިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތަކެއް ނޮވެންބަރުގައި ފެށޭނެކަމަށް ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީއިން މިއަދު ބޭވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސައުތް އެފްރިކަން އެއާވޭސް އިން އައްޑޫ އަތޮޅަށް ފެށިގެންދިއުމުން ރާއްޖޭގެ ފަތުރުވެރިކަމަށާ ވިޔަފާރިއަށް އިތުރު ކުރިއެރުމެއް ލިބިގެން ދާނެކަމަށެވެ.
އޭގެ އިތުރުން އައްޑޫގައި އިތުރު އެންދުތަކެއް އުފެއްދިގެންދާ ފުރުސަތެއް ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި މިފަދަ ރޭވުނަތަކުގެ ސަބަބުން އައްޑޫއަތޮޅަށް ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއެރުން ލިބިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.
ސައުތް އެފްރިކަން އެއާވޭސް އިން ގަން އިންޓަނޭޝަނަލް އެއާޕޯޓައް ކުރާ މި ދަތުރުތައް ނޮވެންބަރު 24 ވަނަދުވަހު ފަށިގެންދާނެއެވެ. އެދަތުރުތަކުގައި ބޭނުންކުރެވިގެންދާނީ އެއާބަސް މޮޑެލް 340 ގެ ފްލައިޓް ކަމަށް މައުލޫމާތު ދެއްވިއެވެ. އަދި ދަތުރުތައް ފެށުމުން ހަފްތާއަކު 300 ފަތުރުވެރިން އަންނާނެކަމައް ޒަމީރު ލަފާކުރެއްވިއެވެ.
އެފްރިކާއިން ރާއްޖެއަށް މިހާރު ކުރަމުންދާ ދަތުރުތައް 12 ގަޑިއިރު ނެގިނަމަވެސް ގަން އިންޓަނޭޝަނަލް އެއާޕޯޓް އައް ސީދާ ދަތުރުތައް ފެށުމުން ދަތުރުތަކުގައި ހަމައެކަނި ހަތް ގަޑިއިރު ނަގާނެކަމަށް އެ ބައްދަލުވުމުގައި ރާއްޖޭގެ ޓޫރިޒަމްގެ ބާނީއެއް ކަމަށްވާ ޗަންޕާ ހުސެއިން އަފީފް ވިދާޅުވިއެވެ.