ޤަވާއިދުން ހިންގާ އެއްވެސް މަޝްރޫއެއް ހުއްޓައެއް ނުލާނަން: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ޤަވާއިދުން ހިންގާ އެއްވެސް މަޝްރޫއެއް ހުއްޓައެއް ނުލާނަން: އިބޫ
ގުޅިފައިވާ ކޯލިޝަނުން ވެރިކަމަށް އައުމަށްފަހު، މިހާރު ރާއްޖޭގައި ޤާނޫނާއި އެއްގޮތަށް ހިންގާ އެއްވެސް މަޝްރޫއުއެއް ނުހުއްޓުވާނެ ކަމަށާއި އަދި އިތުރު މަޝްރޫއުތަކަށް ހުޅުވައިލައްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިރޭ ވިދާޅުވީ މަޝްރޫއުތައް ކުރިއަށް ގެންދަނީ ޤާނޫނުތަކާއި އެއްގޮތަށްކަން ކަށަވަރު ކުރައްވާނެ ކަމަށާއި ޤާނޫނުތަކާއި އެއްގޮތަށް ކުރިއަށް ގެންދާނަމަ، ކިތަންމެ ބޮޑު މަޝްރޫއެއް ނަމަވެސް ކުޑަ މަޝްރޫއެއް ނަމަވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް މިލްކުރެވޭ ގޮތަށް ޤާނޫނު އަސާސީއަށް މިސަރުކާރުން ގެނައި ބަދަލު އުވާލައްވަން މަސައްކަތްކުރައްވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

މިސަރުކާރުން ވަމުން އައި ވައުދުތަކާއި އެއްގޮތަށް އެސްއީޒެޑް ތަރައްޤީ ނުކުރެވުނުކަން ވެސް އިބޫ ފާހަގަކުރެއްވިއެވެ. އިބޫ ވިދާޅުވީ އެސްއީޒެޑްގައި ތަރައްޤީކުރަން މިސަރުކާރުން ބުނި އެއްވެސް މަޝްރޫއެއް ރާއްޖެއަށް ނުގެނެވުނު ކަމަށާއި ނުގެނެވުނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. ޤާނޫނުތައް ނެތުމާއި ހުރި ޤާނޫނުތަކަށްވެސް އަމަލުނުކުރާތީ އިންވެސްޓަރުން އިތުބާރު ނުކުރީ ކަމަށެވެ.
އިބޫ ވިދާޅުވީ ކޯލިޝަނުގެ ވެރިކަމެއްގައި ޙާލަތު ބަދަލުކުރައްވައި އިންވެސްޓަރުންގެ އިތުބާރު ހޯއްދަވައި ބޭރުގެ އިންވެސްޓަރުން އިތުރުކުރައްވާނެ ކަމަށެވެ.

ކޯލިޝަންގެ ވެރިކަމެއްގައި ވެރިކަން ކުރާނީ ކޯލިޝަނުގައި ހިމެނޭ 4 ޕާޓީން ވެރިކަން ކުރަން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ކަމަށާއި ހަމައެކަނި އެމްޑީޕީ ބޭނުންވާ ގޮތަކަށް ނޫން ކަމަށްވެސް އިބޫ ވިދާޅުވިއެވެ. "އެއްވެސް ކަމެއްގައި އެއްބަސްވުމެއް އޮވެއްޖެނަމަ އެ އެއްބަސްވުމަކަށް އަމަލުކުރަންޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ."

އިބޫ ވިދާޅުވީ ކޮންމެ ކަމެއް ކުރެއްވުމުގައިވެސް ކުރިމަތީގައި ބާއްވަވާނީ ޤާނޫނު އަސާސީ އަށް ކަމަށާއި ހުރިހާ ކަމެއްވެސް ކުރައްވަމުން ގެންދަވާނީ ޤާނޫނު އަސާސީ އާއި އެއްގޮތަށް ކަމަށެވެ. ބެލެވޭ ގޮތުން މާނަކުރެއްވީ ކޯލިޝަނުގެ ޕާޓީއަކުން ކަމެއް ކުރަން ބޭނުންވި ނަމަވެސް އެކަމެއް ކުރައްވާނީ ޤާނޫނު އަސާސީގެ ތެރެއިން އަދި ކޯލިޝަންގެ އެއްބަސްވުމާއި އެއްގޮތަށް ކަމަށެވެ.
މިއަދު އޮންލައިން