ސީދާ މަސްވެރިންގެ އަތަށް ޑޮލަރު އަރާގޮތަށް މަސްވިއްކުމުގެ ފުރުޞަތު ފަހިކޮށްދޭނަން: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ސީދާ މަސްވެރިންގެ އަތަށް ޑޮލަރު އަރާގޮތަށް މަސްވިއްކުމުގެ ފުރުޞަތު ފަހިކޮށްދޭނަން: އިބޫ
ރާއްޖޭގެ މަސްވެރިން ބާނާ މަސް ސީދާ މަސްވެރިންގެ އަތަށް ޑޮލަރު އަރާގޮތަށް މަސް ވިއްކުމުގެ ފުރުޞަތު މަސްވެރިންނަށް ފަހިކޮށް ދެއްވާނެ ކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިރޭ ވެސް ވިދާޅުވީ ދިވެހި މަސްވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގެ ކަނޑުތައް ބޭރުގެ ކުންފުނިތަކަށް ދޫކޮށްލާފައި އޮތުން ކަމަށާއި ކޯލިޝަނު ވެރިކަމާއި ހަވާލުވުމަށްފަހު ފުރަތަމަ ކަމެއްގެ ގޮތުން ބޭރުގެ ފަރާތްތަކާއިއެކު މިހާރުގެ ސަރުކާރުން ހަދާފައިވާ އެއްބެސްވުންތައް ބާޠިލު ކުރައްވައި ރާއްޖޭގެ މަސްކަނޑުތައް ދިވެހި މަސްވެރިންނަށް މިނިވަންކޮށްދެއްވާނެ ކަމަށެވެ.

"މަސްކަނޑުތައް މިނިވަން ކުރީމާ ރާއްޖޭގެ ކަނޑުތަކުގަ މަސް އިތުރުވާނެ. ބޭނޭ މަސްވެސް އިތުރުވާނެ. ހަމަ އަގުގަ ވިއްކުމުގެ ފުރުޞަތު ފަހިކޮށްދޭނަން. އެއިރުން މަސްވެރިންނަށް ލިބޭ އާމްދަނީ ވަރަށް ބޮޑުތަން އިތުރުވެގެންދާނެ."

އިބޫ ވިދާޅުވީ ރާއްޖޭގެ އިޤްޠިޞާދު ރަނގަޅުކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. ޚާއްޞަކޮށް ދަރާފައިވާ ދަރަނި ބޮޑުވުމަކީ ކުރިމަތީގައިވާ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށެވެ. "މިސަރުކާރު ވެރިކަމަށް އައިއިރު ދަރަނި އޮތީ 25 ބިލިއަނުގަ. މިހާރު ދަރަނި 50 ބިލިއަނަށް އަރައިފި. ބޮލަކަށް ޖެހޭ ދަރަނި 121،000 ގަ ހުރީ. މިދާގޮތަށް ދާނަމަ 2020 އަންނައިރު ބޮލަކަށް ޖެހޭ ދަރަނި 140،000 އަށް އަރާނެ."

އިބޫ ވިދާޅުވީ ދަރަނި މިހައި ބޮޑުވެގެން މިދިއައީ ތަރައްޤީގެ ނަމުގައި ހިންގާ މަޝްރޫއުތައް އިންތިހާއަށް ބޮޑު އަގުގައި ހިންގުމުން ކަމަށެވެ. އަގުގެ ތެރެއަށް ބޮޑެތި އަދަދުތަކުން ކޮރަޕްޝަން ވެއްދުމުން ކަމަށެވެ.
މިއަދު އޮންލައިން