ޖުމްހޫރީ ޕާޓީ ސިޔާސީ ޕާޓީއެއްގެގޮތުގައި ރަޖިސްޓްރީ ކުރިތާ މިއަދު 10 އަހަރު ފުރުނު ނަމަވެސް ޖޭޕީއަކީ ރާއްޖޭގެ އެންމެ ދުވަސްވީ ޕާޓީ ކަމަށާއި ކުރިއަށް ދާނީ ސާބިތުކަމާއެކު ކަމަށް ޖޭޕީގެ ކައުންސިލް މެންބަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީ އަށް 10 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ޕާޓީގެ ހެޑްކްއާރޓަރސްގައި މިރޭ ބޭއްވި ޖަލްސާގައި އައިޝާ ވިދާޅުވީ ޖުމްހޫރީ ފިކުރަކީ 1980 އިގެ ކުރީކޮޅު ރާއްޖެއަށް ހެޔޮ ބަދަލު ގެނައުމަށް ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް ފެށްޓެވި މަސައްކަތްޕުޅު ކަމަށެވެ. އަދި އެއިގެ ފަހުން ރާއްޖެއަށް ގެނެވުނު ސިޔާސީ އިޞްލާޙުތައް ގެނައުމުގައި އެންމެ އިސްކޮށް ހުންނެވީ ޤާސިމް އިބްރާހީމް."
ޢައިޝާ ވިދާޅުވީ ރާއްޖެ މިއަދު ދެކެމުން މިދާ ޑިމޮކްރަސީގެ ހަޤީޤީ ބާނީ ޤާސިމް އިބްރާހީމް ކަމަށާއި މިއަދު ލިބެމުން މިދަނީ ދިގު މުއްދަތެއްގައި ޤާސިމ އިބްރާހީމް ކުރައްވަން ފެށްޓެވި ޤައުމީ ޚިދުމަތުގެ މޭވާ ކަމަށެވެ. "ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ޖައްވުގައި ފިޔަޖަހާ ތަރިތަކުގެ އަލިކަމަކީ ޤާސިމް އިބްރާހީމް ފެށްޓެވި މަސައްކަތްޕުޅުތަކުގެ ނިޝާން. މުޅި އައު ފަރާތްތަކަށް ސިޔާސީ ޕްލެޓްފޯމުން ޖާގަ ހޯދައިދީ އަންހެނުންނަށް ހަމަހަމަ ފުރުޞަތުތައް ހުޅުވައިދޭ ޕްލެޓްފޯމަކީ ޖުމްހޫރީ ޕާޓީ."
އައިޝާ ވިދާޅުވީ ޖުމްހޫރީ ޕާޓީ އުފެދި ފާއިތުވެގެން މިދިއަ 10 އަހަރަކީ ޖުމްހޫރީ ޕާޓީއަށާއި ޤާސިމް އިބްރާހީމްގެ ޢާއިލާއަށް ވަނީ ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރަންޖެހިފައި ކަމަށެވެ. "ޤާސިމް އަކީ ދަރިންނަށް ވަރަށް ގާތް ބައްޕައެއް. އޯގާތެރި ފިރިއެއް. އަޅުގަނޑުމެންގާތު އެއްފަސްގަނޑެއްގައި ނެތުމަކީ އަޅުގަނޑުމެން ވަރަށް ހިތާމަކުރާ ކަމެއް. ޤާސިމް އިބްރާހީމް މިއަދު މިހަފްލާގައި ނެތުމަކީ ޖުމްހޫރީ ޕާޓީން ވަރަށް ހިތާމަކުރާ ކަމެއް. ޖޭޕީގެ ލީޑަރޝިޕްގެ ގިނަ އަދަދެއްގެ ބޭފުޅުން ޖަލުގައި ބަންދުކޮށްފައި ތިބުމަކީ ޕާޓީން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް."
އައިޝާ ވިދާޅުވީ ސެޕްޓެމްބަރު 23 ވަނަ ދުވަހާއިއެކު ރާއްޖޭގެ ސިޔާސީ މަޝްރަހަށް ވަރަށް ބޮޑެތި ބަދަލުތައް އަންނާނެ ކަމަށާއި ރާއްޖޭގެ ސިޔާސީ ޗާޓް އަލުން ކުރަހާލުމުގެ ފުރުޞަތު ލިބޭނެ ކަމަށް ވެސް އުންމީދު ކުރައްވާ ކަމަށެވެ. "އޮއިވަރު ބަދަލުވެ ވެރިކަން ބަދަލުވާނެ. ނެވިކަން ބަދަލުވެ ހެވިކަން ބަދަލުވާނެ. އެދުވަހަށް ތައްޔާރުވުމަކީ ޖޭޕީން ފަށަންވީ އެންމެ މުހިންމު މަސައްކަތް."
އައިޝާ ވިދާޅުވީ ޤައުމު އެދި ގޮވަނީ ހެޔޮ ވެރިކަމަކަށް ކަމަށެވެ. އިންސާފުވެރި އަދި އިސްރާފެއް ނެތް ވެރިކަމަކަށް ކަމަށެވެ. އަމިއްލަ އެދުމުގެ ކުރިއަށް ޤައުމާއި ރައްޔިތުން ނެރޭ ވެރިކަމަކަށް ކަމަށެވެ. ޤައުމު އެދި ގޮވާ ގޮވުމުގެ އަޑު އެންމެ ފުރަތަމަ އަހަންވީ ޖުމްހޫރީ ޕާޓީގެ ފިކުރު ކަމަށެވެ.
ައައިޝާ ވިދާޅުވީ ސިޔާސީ ޕޯޑިއަމްގައި ހުއްޓި ހުންނެވީ ޤައުމު އެދި ގޮވާ ބަދަލު ގެނެވޭނީ އަންހެނުން ކުރީ ސަފަށް ނުކުމެގެން ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. "ސިޔާސީ މައިދާނުގަ އިސް މަޤާމުތައް ފުރުމަށް އަންހެން ބޭފުޅުން ތައްޔާރުވެލައްވާ. ޖުމްހޫރީ ޕާޓީގެ ދޮރުތައް މިވަނީ ހުޅުވާ ލެވިފަ. ދޮރުތަކުން ވަންނަވާ. ޖުމްހޫރީ ޕާޓީއަކީ އެންމެ އުސް އެންމެ ތަނަވަސް ޕްލެޓްފޯމް ކަމަށް ބައްލަވާ."
އައިޝާ ވިދާޅުވީ ކޯލިޝަނަކީ އެކުވެރިކަމުގެ ރަމްޒު ކަމަށާއި މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓުލާނީ ކޯލިޝަނަށް ކަމަށް ޝައްކު ނުކުރައްވާ ކަމަށެވެ.
އައިޝާގެ ވާހަކަފުޅު (އަޑު):