ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހީމް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައި ނުގެންނެވިނަމަ ރާއްޖޭގައި މިހާރު އަމަލުކުރާ ފެހި ޤާނޫނު އަސާސީ ރާއްޖޭގެ ވުޖޫދުން ނުފެންނާނެ ކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއަށް 10 އަހަރު ފުރުން ފާހަގަކުރަން މިރޭ ޕާޓީގެ ހެޑްކްއާޓަރސް، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ޤާނޫނު އަސާސީ އެކަލުވައިލި ޚާއްޞަ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި އަދި މަޖިލީހުގައި މިހާރު ހުންނެވި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާ މެންބަރު، އިބޫ ވިދާޅުވީ ޤާނޫނު އަސާސީ ފާސްކުރެއްވުމަށް ޤާސިމް އިބްރާހީމް ކުރެއްވެވި މަސައްކަތްޕުޅުތަކަކީ އެމަނިކުފާނު ވަރަށް ގާތުން ތަޖުރިބާ ކުރެއްވެވި ލާމަސީލު މަސައްކަތްޕުޅުތަކެއް ކަމަށެވެ.
އިބޫ ވިދާޅުވީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ކަންކަން ނިންމެވުމުގައި ޤާސިމް އިބްރާހީމް އަމަލުކުރެއްވެވި ޑިމޮކްރަސީގެ ރިވެތި އުޞޫލުތައް ޖޭޕީގެ ތެރެއިން މިހާރުވެސް ފެންނަމުންދާ ކަމަށާއި ޖޭޕީއަކީ މިއަދުވެސް ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ އެންމެ ހަރުދަނާ އެއް ޕާޓީކަމަށެވެ. އެކަން ނިމިގެން ދިއަ ކޮންގްރެސްއިން ތަޖުރިބާ ކުރެއްވުނު ކަމަށެވެ.
އިބޫ ވިދާޅުވީ ޤާސިމް އިބްރާހީމް އަކީ ޤައުމަށްޓަކައި ބޮޑެތި ޤްރްބާނީތަކެއް ވެވަޑައިގަންނަވަމުން ގެންދަވާ ލީޑަރެއް ކަމަށާއި މިހާރުވެސް ކުރައްވަމުން އެގެންދަވަނީ ޖިހާދެއް ކަަށެވެ. އެމަނިކުފާނުގެ ޢާއިލާއަށް ވެސް ދަނީ އަނިޔާތައް ލިބެމުން ކަމަށާއި ނުހަނު ލޯބިފުޅުވާ ތުއްޕުޅު 6 ބޭފުޅުން ދޫކުރައްވާފައި ދުރުގައި ހުންނަވަން ޖެހިވަޑައިގަތުމުން ވެސް ޤައުމާއި ރައްޔިތުންގެ ހައްޤުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާ ކަމަށެވެ.
އިބޫގެ ވާހަކަފުޅު (އޯޑިއޯ):