މިފަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީ ރަޖިސްޓްރީ ނުކުރާ މީހުންގެ ވޯޓުލާންޖެހޭ ފޮށިވެސް ބަދަލުވަމުން އެބަދާ ކަމަށާއި އެކަމަށް ސަމާލުވެ ފޯމު ނުފުރާ މީހުންގެ ވޯޓުލާންޖެހޭ ފޮށިތައްވެސް ކޮންމެ ދުވަހަކު ޗެކް ކުރަމުން ގެންދިއުމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ.
އިބޫ މިރޭ ވިދާޅުވީ އެފަދަ ގޮތެއް މެދުވެރިވެފައިވާ މީހަކު ބުނީ އޭނާ ފޯމު ނުފުރާ ކަމަށާއި ނަމަވެސް އޭނާގެ ވޯޓުލާންޖެހޭ ފޮށި ބަލުވެފައިވާކަން އެނގިގެން ސުވާލުކުރުމުން ޖަވާބުވެސް ނުލިބުނު ކަމަށް ބުނެފައިވާ ކަމަށެވެ. "އޭނާއަށް ލިބުނު ޖަވާބަކީ ސިޓީއެއް ލުމުން އެކަން ހިނގަން މެދުވެރިވި ސަބަބު ބުނެދޭނެ ކަމަށް."
އިބޫ ވިދާޅުވީ މިފަދަ ހުރިހާ އޮޅުވާލުންތަކާއިއެކުވެސް ﷲ ތަޢާލާގެ ވާގިފުޅާއިއެކު އިންތިޚާބު ކާމިޔާބުކުރެވޭނެ ކަމަށެވެ. އަދި ޖަލުތަކުގަ އާއި އެކި ގޮތް ގޮތުން އަނިޔާ ލިބެމުންދާ އެންމެން ލަހެއް ނުވެ މިނިވަން ކުރެވޭނެ ކަމަށެވެ. ރާއްޖެއިން ބޭރުގައި ބަންދުވެގެން ތިބި މީހުންނަށްވެސް ލަހެއް ނުވެ ރާއްޖެ އައުދެވޭނެ ކަމަށެވެ.