ހައިކޯޓްގެ ދެކުނު ގޮތްޕަށް މާދަމާ ފަނޑިޔާރުން ވަޑައިގަންނަވަނީ
ރާއްޖޭގެ ހައިކޯޓުން ގާއިމްކޮށްފައިވާ އުތުރާއި ދެކުނުގެ ގޮފިތަކުގެ ތެރެއިން ދެކުނު ގޮތްޕަށް މާދަމާ ފަންޑިޔާރުން ވަޑައި ގަންނަވާނެ ކަމަށް ޑިޕާޓްމެޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) އިން ހާމަކޮށްފިއެވެ.
ހައިކޯޓް ގެ ދެކުނު ގޮފީގައި ފަނޑިޔާރަކު ނެތި ގިނަ ދުވަސްތަކެއް ވުމަށްފަހު ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވާ ވަފްދެއް އެކޯޓަށް ވަޑައި ގަންނަވާނެކަމަށާއި މާދަމާއިން ފެށިގެން މިހިނގާ އޮގަސްޓްމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ފައިތުވެދިޔަ ދުވަސްތަކު ހުށައަޅާފައިވާ މައްސަލަތަކުގެ ޝަރިއަތްތައްވެސް ކުރިޔަށް ގެންދަވާނެކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ބުނެފައެވެ.
ހައިކޯޓްގެ ދެކުނު ގޮފި އައްޑޫސިޓީ މީދޫގައި ގާއިމްކުރެވިފައި ވާއިރު ހައިކޯޓްގެ އުތުރު ގޮފި ވަނީ ހދ.ކުޅުދުއްފުށީގައި ގާއިމް ކުރެވިފައެވެ.
ހައިކޯޓްގެ ދެގޮފި އުފެއްދުނުއިރު ދާއިމީކޮށް ފަނޑިޔާރުން ތިބޭގޮތަށް ހަމަޖެއްސި ހަމަޖެއްސުން ބަދަލުކޮއް ސްޕްރީމްކޯޓުންވަނީ ފަނޑިޔާރުންގެ ޓީމަތަށް ވަޑައިގެންއެކޯޓުތަކުގެ ޝަރިއަތްތައް ކުރިޔަށް ގެނަދިއުމަށް ހަމަޖައްސާފައި ވެއެވެ. މާދަމާ ހައިކޯޓުގެ ދެކުނު ގޮތްޕަށް ފަޑިޔާރުން ވަޑައިގަންނަވަނީ މި އުސޫލަށް ބަދަލު ކުރެއްވުމަށްފަހުން އެންމެ ފުރަތަމަ ފަހަރަށެވެ.
ހައިކޯޓުގެ ދެކުނު ގޮތްޕަށް ހަމަޖެހުން އެންމެފުރަތަމަ ފަނޑިޔާރުންގެ ތެރެއިން ޑރ އަޒްމިރަލްދާ ޒާހިރު މަގާމުން އިސްތިއުފާ ދެއްވުމުން އޭރު ގޮފީގެ އިސްފަނޑިޔާރަކަށް ހުންނެވި ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދާއި ފަނޑިޔާރު ޝުޢައިބު ހުސެއިން ޒަކަރިއްޔާ މާލެ ބަދަލުކުރެވުމަށްފަހު، ދާދި ފަހުން ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު ވަނީ ސުޕްރީމްކޯޓްގެ މަގާމަކަށް އައްޔަނު ކުރައްވާފައިވެއެވެ.
ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރު ޑިސެންބަރުމަހު 16 ވަނަ ދުވަހުގައެެވެ. ކޯޓުތަކުގެ ގާނޫނަށް 2014 ވަނަ އަހަރު ގެނެވުނު އިސްލާހުގެ ދަށުން ރާއްޖޭގައި އުތުރާއި ދެކުނުގައި ހައިކޯޓް ދެގޮފި ގާއިމްކުރުމަށް ހަމަޖެހިފައިވާއިރު، މިއަދާ ހަމައަށް ހައިކޯޓުގެ އުތުރު ގޮފިގައި ޝަރިއަތްތައް ފެށިފައެއް ނުވެއެވެ. ނަމަވެސް ޝަރިއަތްތައް ފެށުމަށް އިދާރީގޮތުން ވާންޖެހޭ ތައްޔާރީތަކެއް ނިމިފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ބުނެފައެވެ.