ދިވެހި ޤައުމުން އިންސާފު ގެއްލިފައި މިވަނީ ނިޒާމުގެ ތެރެއިން ރާވައިގެން ހިންގާ ވައްކަމާ ކޮރަޕްޝަންގެ ސަބަބުން ކަމަށް ޖޭޕީގެ ޕޯޑިއަމްގައި ލައިވްކޮށް ދެއްވި ވާހަކަފުޅަކާއި ގުޅިގެން 3 އަހަރާ 2 މަހާ 12 ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައިވާ ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހީމް ރޭ ވިދާޅުވީ ދިވެހި ޤައުމުގެ 4 އުދަރެހާއި ހަމައަށް ބަލައިލިނަމަވެސް ފެންނަމުންދަނީ ނުތަނަވަސްކަމާއި އަނިޔާވެރިކަމާއި ހަސަދަވެރިކަމާއި ފަސާދައިން ފުރިބޭރުވެ ގޭގޭގެ ކޮޓަރިތަކުންނާއި ސިޓިންގ ރޫމްތަކުންނާއި ގޯޅި ގޯޅި ކަންމަތިތަކުންނާއި ކަނޑުމަތީގަ ދުއްވާ ދޯނިފަހަރުންނާއި ލޯންޗްތަކުންވެސް އިވެނީ ރުއިމާއި ގިސްލުމުގެ ވޭންހުރި އަޑުތައް ކަމަށެވެ.
ޤާސިމ އިބްރާހީމް ވިދާޅުވީ އެއަޑުތައް އިވެނީ އަނިޔާވެރިވެ ފަސާދަކުރަމުން ގެންދާތީ ކަމަށެވެ. ދައުލަތުގެ ޚަޒާނާތަކަށް އެކި ގޮތްގޮތަށް އަތްބާނައިގެން ނިޒާމުގެ ތެރެއަށް ފައްތައި ރާވައިގެން ހިންގަމުން ގެންދާ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ލިބެމުން އަންނަ ގެއްލުންތައް ބޮޑުކަމުން ކަމަށެވެ. އަދި މިކަންކަމުގެސަބަބުން މުޅި ޤައުމު މިވަނީ އަނިޔާވެރިކަމުގެ ފުން، ބިޔަ ވަޅުގަނޑަކަށް ވެއްޓިފައި ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ރައްޔިތުންނަށް ކުރިމަތިވެފައިވާ މިބޮޑު އަނިޔާ އާއި ވޭންތަކުން ރައްޔިތުން ސަލާމަތް ކުރުމަށް އަތުކުރިއޮޅާލައްވައިގެން ނުކުންނެވި ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ރަނިންމޭޓް ފައިޞަލް ނަސީމް އަދި ކޯލިޝަނުގެ އެންމެހައި ބޭފުޅުން ކުރައްވަން ފަށްޓަވާފައިވާ މަސައްކަތްތަކަށް ދިވެހި އެންމެހައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.
ދިވެހި ޤައުމަށް މިއަދު ބަރުދާސްތުކުރަންޖެހިވާ ހިތްދަތިކަމާއި ވޭންތަކުން ރައްޔިތުން ސަލާމަތްކޮށްދެއްވުމަށްޓަކައި ޤައުމުތައި ތިއްބެވި ތައުލީމީ ޤާބިލު ބޭފުޅުން އެކުގައި ނުކުމެވަޑައިގެން މަސައްކަތްކޮށްދެއްވުމަށްވެސް ޤާސިމް އިބްރާހީމް ވަނީ އެދިވަޑައިގެންފައެވެ. އަދި ވަގުތު ފާއިތުވުމުގެ ކުރިން އެފަދަ ހުރިހާ ބޭފުޅުން ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ޖިހާދަށް ނުކުމެވަޑައިގެން ދެއްވުމަށް ވެސް ޤާސިމް އިބްރާހީމް ވަނީ އެދިވަޑައިގެންފައެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ އިބޫއަކީ ޤައުމަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކުން ރައްޔިތުން ސަލާމަތްކޮށްދެއްވުމުގެ ޤާބިލުކަން ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިޚާބު އިބޫއަށް ކާމިޔާބުކޮށް ދިނުމަށް އެމީހަކަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކޮށްދިނުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އެކަމަށްޓަކައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރަމުން ﷲ ތަޢާލާއަށް ދުޢާކުރުންމަތީގައި ސާބިތުވެ ތިބުމަށްވެސް ޤާސިމް އިބްރާހީމް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ޤާސިމް އިބްރާހީމްގެ މައްޗަށް ޙުކުމްކުރި ކަމަށް ބުނެ ބަޔާނެއް ނެރެފައިވަނީ އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައި އޮންނަވަނިކޮށް އެމަނިކުފާނާއި އެމަނިކުފާނުގެ ވަކީލުންގެ ޢައިރު ޙާޒިރުގައި ރޭގަނޑު ދަންވަރުއެވެ. އެ ބަޔާނުގައި ޤާނޫނާއި ޚިލާފު ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި މައްސަލަ ވަނީ 10 ދުވަހުގެ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އަހަރު ފުރެން ދާދިކައިރިވެފައިވާއިރުވެސް އަދިވެސް މައްސަލައިގެ އެންމެ އަޑުއެހުމެއްވެސް ބާއްވާފައެއް ނުވެއެވެ.