ރާއްޖޭގެ ރިޔާސީ އިންތިޚާބު ކައިރިވެ ބޯމަތިވުމުން ބިރުވެރި މާހައުލެއް އޮތްކަމުގެ ބިރު ނުދެއްކުމަށް ޖޭޕީގެ ނައިބް ލީޑަރު ޢަބްދުﷲ އަމީން ގޮވާލައްވައިފި އެވެ.
ޢަބްދުﷲ އަމީން މިރޭ ވިދާޅުވީ މިފަދަ ވަގުތެއްގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށް ގޮވާލައްވާ ކަމަށެވެ. އަދި މިފަދަ ވަގުތެއްގައި ޤައުމީ ސަލާމަތަށް ބިރުވެރިކަން އެބައޮތްކަން ބަހަނާއަކަށް ދައްކައިގެން އެކަމުގެ ނާޖާއިޒު ފައިދާ ނަގަންވެސް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަމީން ވިދާޅުވީ މިފަހަރު ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެކަމަށް ބައިނަލްއަޤްވާމީ ގިނަ ފަރާތްތަކުން މިހާރުވެސް ޤަބޫލުނުކުރާ ކަމަށާއި ބައިނަލްއަޤްވާމީ ގިނަ ފަރާތްތަކަކުން އޮތީ އެކަމަށް ފާރަވެރިވެގެން ކަމަށެވެ.
މިއަދާއި ހަމައަށް ވެސް ރައީސް ޢަބްދުﷲ ޔާމީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަނުއަޅުއްވައި އޮތުމަކީ ވަރަށް ގިނަ ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށެވެ.
އަމީން މިމޭރުމުން ވިދާޅުވެފައިވާއިރު މިފަހަރުގެ އިންތިޚާބު ނުބާއްވައިފާނެ ކަމަށް ބުނެ ގިނަ ބައަކު ގެންދަނީ ވަރަށް ކުރިންސުރެ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. ރާއްޖޭގެ ޤައުމީ ސަލާމަތާއިބެހޭ ކަންބޮޑުވުންތަކުގެ މައުލޫމާތު މިހައިތަނަށް ހާމަކުރަމުން އަންނަނީ ސަލާމަތީ ބާރުތަކުން ވަރަށް ރަސްމީ ސިފައެއްފައެވެ. ނަމަވެސް މިރޭ ކަންބޮޑުވުން ފައުޅުކުރައްވާފައިވަނީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެމަނިކުފާނުގެ ފޭސްބުކްގައެވެ.