ދާދި އަވަހަށް ހައްޖު މަސް އަޅުގަނޑުމެންނާއި ކުރިމަތިލާނެއެވެ. ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ އަހަރުގެ އެންމެ ބަރަކާތްތެރި 10 ދުވަހެވެ. އެ ދުވަސްތަކުގައި ކުރާ އަޅުކަމުގެ ސަވާބަށް ގިނަގުނަ ސަވާބާއި ދަރުމަ ދެއްވަވާނެކަން ﷲ ތަޢާލާ ވަނީ ބަޔާންކުރައްވަވައިފައެވެ.
އެދުވަސްތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުން ވަރަށް މުހިންމެވެ. އެދުވަސްތަކުގައި އަޅުކަން ކުރުން ގިނަ ކުރުން ﷲ ތަޢާލާގެމަގުގައި ޖިހާދުކުރުމަށްވުރެ މަތިވެރިކަން ބޮޑެވެ. ﷲ ތަޢާލާގެ މަގުގައި ޖިހާދުކޮށް ޝަހީދުވުން މެނުވީއެވެ.
ވީހައި ގިނައިން އެދުވަސްތަކުގައި ރޯދަ ހިފާށެވެ. ސުންނަތް އަޅުކަންތައް ކުރުން ގިނަކުރާށެވެ. ވީހައި ގިނައިން ޛިކުރުކުރުންމަތީގައި ދެމިތިބޭށެވެ. ވީހައި ގިނައިން ކީރިތި ޤްރްއާން ކިޔަވާށެވެ.
މަސައްކަތް ކުރުމުގައި ބުރަކޮށް އުޅުނު ނަމަވެސް ޛިކުރުކުރުން ހުއްޓައި ނުލާށެވެ. ކުދިކުދި އިސްމްފުޅުތައް އެބަހުއްޓެވެ. ސުބްޙާނަﷲ، އަލްޙަމްދުލިﷲ ފަދަ ކަލިތައް ކިޔުންމަތީގައި ދެމިތިބޭށެވެ. ﷲ ތަޢާލާ ދެއްވަވާ މިފަދަ މަތިވެރި ނިޢްމަތްތަކުގެ ބޭނުން ވީހައި ފުރިހަމައަށް ހިފާށެވެ.
- ހުކުރު ދުވަހުގެ ޢަޞްރް ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި އައްޝައިޚް ޢަލީ ޒައިދު ދެއްވި ދަރުސުން
މިއަހަރުގެ ހައްޖު މަސް ފެށޭނެ ކަމަށް ކަލަންޑަރުގައި ބުނެފައވާ ދުވަހަކީ އޮގަސްޓް މަހުގެ 12 ވަނަ ދުވަހެވެ. ސައުދިއަރަބިޔާއިން ހައްޖު މަސް ފެށުމަށް ހަނދުބަލައެވެ.