ޑިފެންސް މިނިސްްޓަރަކީ ސިއްރު ހިފެހެއްޓޭ ބޭފުޅެއް ނޫން- އިސްތިއުފާ ދެއްވާ: މާރިޔާ
ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް މަޤާމުން އިސްތިއުފާ ދެއްވުމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާން މާރިޔާ އަޙްމަދު ދީދީ ގޮވާލައްވައިފިއެވެ.
މާރިޔާ މިއަދު ވިދާޅުވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފަކީ ދައުލަތުގެ ސިއްރު ހިފެހެއްޓޭ ބޭފުޅެއް ނޫންކަން އެމަނިކުފާނުގެ އަމިއްލަފުޅު އަމަލުފުޅުތަކުން ސާބިތު ވެއްޖެ ކަމަށާއި އެފަދަ ބޭފުޅަކު ޤައުމީ ސަލާމަތް ރައްކައުތެރިކޮށް ހިމާޔަތްކުރަންޖެހޭ މުއައްސަސާގެ މިނިސްޓަރުކަމުގައި ހުންނެވުމަކީ ޤައުމަށް ވަރަށް ނުރައްކައުތެރި ކަމެއް ކަމަށެވެ.
މާރިޔާ ވިދާޅުވީ ޤައުމީ ސަލާމަތާއިބެހޭ ކަމެއް ކުރިމަތިވެއްޖެނަމަ ފުރަތަމަ އެކަން ހިއްސާ ކުރަންޖެހޭ ފަރާތްތަކަކީ އެކަމާއި ގުޅުންހުރި ދައުލަތުގެ މުއައްސަސާތައް ކަމަށެވެ. އެއިގެ ތެރޭގައި މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީވެސް ހިމެނޭ ކަމަށެވެ. އަދި ރައްޔިތުންނާއި ހަމައަށް އެފަދަ މައްސަލަތައް އަންނަން ޖެހޭނީ މިނިސްޓަރުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ނޫން ކަމަށާއި ދައުލަތުގެ ރަސްމީ ސިފައެއްގައި ކަމަށެވެ.
މާރިޔާ ވިދާޅުވީ މައުލޫމާތު ހިއްޞާކުރަންޖެހޭ ދައުލަތުގެ މުއައްސަސާތަކާއި ހިއްޞާނުކޮށް އަމިއްލަފުޅު ސޯޝަލް މީޑިއާގައި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ފަދަ މައުލޫމާތު ހާމަކުރެއްވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ޑިފެންސް މިނިސްޓަރު ކުރައްވާފައިވާ ވަރަށް ނާތަހްޒީބު އަމަލެއް ކަމަށެވެ. އަދި އެފަދަ ކަންކަން ކުރައްވާ ބޭފުޅަކު ޑިފެންސް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވުމަކީ ޤައުމީ ސަލާމަތަށް ކިތަންމެ ބޮޑު ނުރައްކަލެއްވެސް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.
އާދަމް ޝަރީފް ރޭ ފޭސްބުކްގައި ހާމަކުރެއްވި ޕޯސްޓާއި ގުޅިގެން ގިނަ ބައަކު ބުނަމުންދަނީ އެޕޯސްޓަކީ މިއަަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމުގެ ކުރިން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތުގެ އިއުލާނުކޮށް އިންތިޚާބު ނުބޭއްވުމަށް ވިސްނަމުންދާކަން އަންގައިދިން ކަމެއް ކަމަށެވެ.