ޢަލީ ޞާލިޙްގެ ރައްދު ޑރ. ޚަލީލަށް: ޤައުމީ ސަލާމަތަށް ނުރައްކާވެއްޖެކަމަށް ވިދާޅުވެ ބިރު ދައްކަވާ ޑިފެންސް މިނިސްޓަރަކީ އިދިކޮޅު މިނިސްޓަރެއްތޯ؟:

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ޢަލީ ޞާލިޙްގެ ރައްދު ޑރ. ޚަލީލަށް: ޤައުމީ ސަލާމަތަށް ނުރައްކާވެއްޖެކަމަށް ވިދާޅުވެ ބިރު ދައްކަވާ ޑިފެންސް މިނިސްޓަރަކީ އިދިކޮޅު މިނިސްޓަރެއްތޯ؟:
ޤައުމީ ސަލާމަތަށް ނުރައްކާވެއްޖެކަމަށް ވިދާޅުވެ ބިރު ދައްކަވާ ޑިފެންސް މިނިސްޓަރަކީ އިދިކޮޅު މިނިސްޓަރެއްތޯ؟ ޖޭޕީގެ ޗީފް ސްޕޯކްސް ޕަރސަން އަލީ ޞާލިޙް ސުވާލު އުފައްދަވައިފިއެވެ.

ޢަލީ ޞާލިޙް މިމޭރުމުން ސުވާލު އުފެއްދެވީ ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ޑރ. ޚަލީލް އާއި ޙަވާލާދީ "ގައުމު ހަލަބޮލިކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ރޭ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވާތީ އެކަމަށް ބާރު ދެއްވައި ޚަލީލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި ހަމަނުޖެހުން އޮތްކަން ދައްކައިގެން ރިޔާސީ އިންތިހާބްގެ ކަންކަން ހިންގަން ބޭރުގެ ބަޔަކު ގެންނަން ކަމަށާއި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރާއްޖޭގައި ހަމަނުޖެހުން އުފައްދައި ރިޔާސީ އިންތިހާބް ހައިޖެކް ކުރަން،" ކަމަށް ޢާންމުވެފައިވާ ޚަބަރަކާއި ގުޅިގެން ކަމަށެވެ.

ޢަލީ ޞާލިޙް ވިދާޅުވީ ޤައުމީ ސަލާމަތަށް ނުރައްކާވެގެން އުޅޭކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން އެއްވެސް ޚަބަރެއް ފަތުރާފައި ނުވާނެ ކަމަށާއި އަބަދުވެސް ގޮވާލަމުން ދަނީ ޤައުމުގައި އެއްވެސް ހަމަނުޖެހުމެއް އުފެއްދުމަށް ފުރުޞަތު ނުދިނުމަށް ކަމަށެވެ. ޤައުމުގެ ޞުލްޙަމަސްލަހަތާއި އަމާންކަން ދަމަހައްޓައި އިންތިޚާބުގެ ކަންކަން ވީހާ އަމާންކޮށް ކުރިއަށް ގެންގޮސް ނިންމާލަ ދިިނުމަށް އެދި ކަމަށެވެ.

"ރޭ ވެސް ރަނިންމޭޓް ފައިޞަލް ނަސީމް ގޮވާލެއްވީ ޤައުމުގައި ނެތް ބިރުވެރިކަމެއް އޮތްކަމަށް ދައްކައިގެން ޤައުމުގެ ހާލަތު ބިރުވެރި ނުކުރުމަށް. ނެތް ހާލަތެއް އޮތްކަމަށް ދައްކައިގެން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ނުކުރުމަށް. ކުއްލިި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަކީ ކުޅޭކުޅޭ ކަމަކަށް ހަދައި ޤައުމުގެ އިޤްޠިޞާދަށް ގެއްލުންވާ ފަދަ ކަންކަން ނުކުރުމަށް." ކަމަށްވެސް ޢަލީ ޞާލިޙް ވިދާޅުވިއެވެ.

ޢަލީ ޞާލިޙް ވިދާޅުވީ ޤައުމުގެ ސަލާމަތަށް ނުރައްކާވެގެން އެކަމުގެ ޚަބަރު ޑިފެންސް މިނިސްޓަރުގެ ފޭސްބުކުގައި އިއުލާނު ކުރުމަކީ އެއްވެސް ޤައުމެއްގެ ޑިފެންސް މިނިސްޓަރު މިހައިތަނަށް ކުރައްވާފައިވާ ކަމެއް ނޫން ކަމަށާއި އެހެންކަމަށްވާއިރު އާދަމް ޝަރީފް މިކުރެއްވި ކަންތައް ވަރަށް ބޮޑަށް ބަލަންޖެހޭނެ ކަމަށެވެ. އެކަމުގައި ފޮރުވާފައި އޮތް ކަންކަން ހޯދަންވެސް ޖެހޭނެ ކަމަށެވެ.

ޢަލީ ޞާލިޙް ވިދާޅުވީ ކޮންމެ ކަމަކުން މަކަރާ ހީލަތް ހަދައި ރައްޔިތުންނަށް އޮޅުވާލަން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށާއި ދިވެހި ރައްޔިތުންނަކީ އެއަށްވުރެ މާބޮޑަށް ހޭލުންތެރި ބައެއް ކަމަށެވެ. "ދެން ކޮންމެ ކަމެއް އަތަށް ގޮވީމާ މިއަޅުވަނީ އިދިކޮޅުގަ. އެކަމެއް ނުހިނގާނެ އެހެނެއް. ހަމަ ކުޅޭއިރަށް ރައްޔިތުން ހުކުމްއަޅައި އަތްބައި އަތުލާނެ." ކަމަށްވެސް ޢަލީ ޞާލިޙް ވިދާޅުވިއެވެ.
މިއަދު އޮންލައިން