މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކެންޕޭނު މިހާރު ވަނީ ފެށިފައި ކަމަށާއި ކެންޕޭނު ފަށައިގެން ކުރިއަށް ގެންދާއިރު ހަމަހަމަ ފުރުޞަތުތައް ނުދިނުމަކީ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމެއް ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެޔޮދޫގައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް ވިދާޅުވީ ސަލާމަތީ ބާރުތަކުގެ މަސްއޫލިއްޔަތަކަށްވެސް ވާންޖެހޭނީ ހަމަހަމަ ފުރުޞަތުތައް ލިބޭކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އެކަން ނުކުރާނަމަ އެއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
ފައިޞަލް ވިދާޅުވީ 50 މިލިއަން ޑޮލަރަށް އަޅައިދޭން ބޭރުގެ ކުންފުންޏަކުން ޕްރަޕޯސަލް ހުށަހެޅި 25 ބުރީގެ އިމާރާތް ހަމައަގުގައި ސަރުކާރުން އެޅިނަމަ ރަށްތަކަށް ބޭނުންވާ ޚިދުމަތްތައް މިހާރުވެސް ހުންނާނީ ފުރިހަމަކޮށްދެވިފައި ކަމަށެވެ.
"މިހާރު މިއިވެނީ މިހައިތަނަށް އެކަނިވެސް 230 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ 25 ބުރީގެ އިމާރާތަށް ޚަރަދުކޮށްފިކަމުގެ ވާހަކަ. ހަމައަގަށް ބަލައިފިނަމަ މިހާރުވެސް 5 ގުނަ އިތުރަށް ޚަރަދުކޮށްފި ކަމަށް އެބުނަނީ. މިއީ ވަރަށް ބޮޑު އިސްރާފެއް." ކަމަށްވެސް ފައިޞަލް ވިދާޅުވިއެވެ.