ޕާކިސްތާނުގައި ހަނގުރާމަކުރިކަމަށް ބުނެ ދައުލަތު ދިވެއްސެއްގެ މައްޗަށް ކޮއްފައިވާ ދައުވާ މިއަދު ބާތިލްކޮއްފި އެވެ.
ރ.ކަނދޮޅުދޫ ފީރޯޒްގޭ މުހައްމަދު އަބްދުއް ރަހްމާންގެ މައްޗަށް މި ދައުވާ އުފުލާފައި ވަނީ 2007 ވަނަ އަހަރު ޕާކިސްތާނަށް ގޮސް، 2009 އަހަރު އެގައުމުގެ ހަނގެރާމަވެރި ޖަމާއަތަކާއި ބައިވެރިވެ ހަނގުރާމަކުރިކަމަށް ބުނެފައި އެވެ.
މި ދައުވާ ކޮއްފައިވާނީ ޓެރެރިޒަމްގެ ގާނޫންގެ ދަށުން، ރާއްޖެެއިންބޭރު ހިންގި ހަނގުރާމައެއްގައި ބައިވެރިވިކަމުގެ ދައުވާއެވެ.
މުހައްމަދުގެ މައްޗަށް މި ދައުވާ ބާތިލް ކުރެއްވީ، 2015 ވަނައަހަރު އަމަލުކުރަންފެށި ޓެރެރިޒަމްގެ ގެ ގާނޫން ވުޖޫދަށް އައިފަހުން، ކްރިމިނަލް ކޯޓުގައި އެނާ ދައުވާއަށް އެއްބަސް ވެފައި ނުވާތީއެވެ.އެހެންކަމުން ޖިނާއީ އިޖްރާއާތުގެ ދަށުން ދައުވާއަކީ ބާތިލް ދައުވާއެއްކަމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ނިންމެވިއެވެ. އަދި މިނިންމެވުން ނިންމެވީ މުހައްމަދުގެ ފަރާތުން ހުށަހެޅި ހުށައެޅުމުންނެވެ.
އެއީ މުހައްމަދުގެ މައްޗަށް ކޮއްފައިވާ ދައުވާއަކީ ޓެރެރިޒަމްގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ކުރެވުނު ދައުވާ އެއްކަމަށާ އެގާނޫންގެ ދަށުން އޭނާއަށް ދައުވާއެއް ނުކުރެވޭނެކަމަށް ބުނެ ހުށައެޅި ހުށައެޅުމަކުންނެވެ.
ދައުވާ ބާތިލްކުރެއްވުމުގެ ސަބަބުން، ޖިނާއީ އިޒްރާއާތުގެ ދަށުން މުހައްމަދު ބަންދުން މިނިވަން ކުރެވޭނެކަމަށް ބެލެވިގެންދާނެއެވެ. ނަމަވެސް ބާތިވެގެން ދިޔަދައުވާ އައް ބާރުދޭ ހެއްކެއް ލިބިއްޖެ ކަމުގައި ވާނަމަ އަލުން ދައުވާއަށް ބަދަލުގެނެސް ކޯޓަށް ހުށައެޅުނެކަމަށް އެގާނޫނުގައި ވެއެވެ.