ބްރިޖްމަތީ ކައިވެނިކުރަން ފައިސާ އިސްރާފްކުރުމަށްވުރެ ނިކަމެތި ފަޤީރު މިސްކީނަކަށް ދިނުން މާއައުލާ!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ބްރިޖްމަތީ ކައިވެނިކުރަން ފައިސާ އިސްރާފްކުރުމަށްވުރެ ނިކަމެތި ފަޤީރު މިސްކީނަކަށް ދިނުން މާއައުލާ!: ޝައިޚް ޢަލީ ޒައިދު
އެއްވެސް މީހަކު ބްރިޖް މަތީ ކައިވެނި ކުރާނެ ކަމެއް ނެތް ކަމަށާއި ލާރިތައް ތަޅާ ބުރުވުމަށްވުރެ، ނިކަމެތި ފަޤީރު މިސްކީނަކަށް ދިނުން މާއައުލާ ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު މިއަދު ވިދާޅުވެފައިވަނީ ލާރިތައް ތަޅާ ބުރުވުމަށްވުރެ، ނިކަމެތި ފަޤީރު މިސްކީނަކަށް ދިނުން މާއައުލާ ކަމަށާއި ނޫންނަމަ ލިބޭ އާމްދަނީން ދެކޮޅު ނުޖެހިގެން އުޅޭ ނިކަމެތި ޢާއިލާއަކަށް ދިން ނަމަވެސް މާރަނގަޅުވާނެ ކަމަށާއި އިސްރާފްނުކޮށް ހައްޤުވެރިންނަށް ހާދަކުރުމުން ސަވާބު ލިބޭނެކަން ޤައިމު ކަމަށެވެ.

ބްރިޖްމަތީ ކައިވެނިކުރާނަމަ ކޮންމެ ދެމަފިރިއަކަށް 28،000 ރުފިޔާގެ ހަދިޔާއެއް ދޭނެކަން ސަރުކާރުން މިއަދު އިއުލާނުކުރުމުން ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. ބައެއް މީހުން ބުނެފައިވަނީ ދައުލަތުގެ ބަޖެޓުގައި ކުރަން ހިމަނާފައި ހުރި ކަންކަން ކުރަން ޚަރަދު ނުކޮށް ބަޖެޓުގައި ހިމަނާފައި ނުވާ ޚަރަދުތައް ކޮށްގެން ނުވާނެ ކަމަށެވެ. އަދި ވަކި ދުވަހަކު ވަކިތަނެއްގައި ކައިވެނިކުރުވަން ދައުލަތުގެ ފައިސާ ޚަރަދުކުރުމަކީ ޤާނޫނާއި ޚިލާފަށް ކުރާ ކަމެއް ކަމަށާއި އަލަތު ކައިވެންޏާއި ގުޅިގެން ދައުލަތުން ކުރާ ޚަރަދު ރާއްޖޭގެ ކޮންމެ ތަނެއްގައި ކުރި ނަމަވެސް ކޮންމެ ދެމަފިރިއަކަށްވެސް ލިބެންޖެހޭނެ ކަމަށެވެ.

ބްރިޖްމަތީގައި ކުރާ އަލަތު ކައިވެންޏަށް ދޭން ނިންމި ފައިސާ ނުދޭން ފަހުން ވަނީ ނިންމައިފައެވެ. އަދި ފޯމްވެސް ވަނީ ބަދަލުކޮށްފައެވެ. މިބަދަލާއި ގުޅިގެން ބައެއް މީހުން ބުނެފައިވަނީ "ކުރާ ގިނަ ކަންތައްތަކެއް "އަތަށް ގޮވަމުން" ދާ އުޞޫލުން 28،000 ރުފިޔާގެ މައްސަލަވެސް "އަތަށް ގޮވުމުން" ހައުސިންގ މިނިސްޓްރީން މިހާރު ވަނީ ފައިސާ ނުދޭން ނިންމައި ފޯމުވެސް ބަދަލުކޮށްފަ. ނަމަވެސް 50 ކައިވެންޏެއްގެ ސައި ހަމާޖައްސައިދިނުމާއި ތަން ޒީނަތްތެރިކޮށްދިނުން ފަދަ ބައެއް ކަންކަން ކޮށްދޭނެ ކަމަށް އެބަބުނޭ. މިހެން "އަތަށް ނުގޮވާ" ގޮތަށް ހަމަ އެއްވެސް ކަމެއް ކުރުމުގެ ޤާބިލުކަން ހަމަ ނެތީ" ކަމަށެވެ.

"އެއްވެސް މީހަކު ބްރިޖް މަތީ ކައިވެނި ކުރާނެ ކަމެއް ނެތް. ލާރިތައް ތަޅާ ބުރުވުމަށްވުރެ، ނިކަމެތި ފަޤީރު މިސްކީނަކަށް ދިނުން މާ އައުލާ! ނުވަތަ ދެކޮޅު ނުޖެހިގެން އުޅޭ ޢާއިލާއަކަށް ދިނަސް މާރަނގަޅުވާނެ.! ޤައިމު ސަވާބު ލިބޭނެ!"



މިއަދު އޮންލައިން