ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އަށް ޑިފެންސް މިނިސްޓަރު ހާޒިރުކޮށްދޭން 4 މެންބަރަކު އެދިއްޖެ
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު، އެމަނިކުފާނުގެ ފޭސްބުކުގައި ކުރެއްވި ޕޯސްޓާއި ގުޅިގެން އެމައްސަލަ ބެލުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އަށް ހާޒިރުކޮށްދިނުމަށް މަޖިލީހުގެ 4 މެންބަރަކު އެދިވަޑައިގެންފިއެވެ.
ކޮމެޓީގެ މުގައްރިރް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފަށް ސިޓީއެއް ފޮނުއްވައި ސަލާމަތާ ބެހޭ ކޮމެޓީއަށް އާދަމް ޝަރީފް ހާޒިރުކޮށްދިނުމަށް އެދިވަޑައިގަތީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް އެވެ.
އާދަމް ޝަރީފް އެމަނިކުފާނުގެ ފޭސްބުކުގައި ކުރެއްވި ކޕޯސްޓުގައި ވިދާޅުވެފައިވަނީ ގައުމުގެ އަމާންކަން ނަގާލަން ބައަކު ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
4 މެންބަރުން ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވަނީ ރާއްޖޭގެ އަމާންކަން ނަގާލަން ބައަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގަތުމުން، ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކު ފޭސްބުކް ޕޭޖްގައި ލިޔުއްވުމަކީ ވަރަށް ޒިންމާދާރު ކަން ކުޑަ އަމަލެއްކަމަށެވެ.
ދުނިޔޭގެ އެއްވެސް ޤައުމެއްގައި ޤައުމީ ސަލާމަތަށް ވާފަދަ ކަމެއް ކުރިމަތިވުމުން ޑިފެންސް މިނިސްޓަރުގެ އަމިއްލަފުޅު ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ހާމަކުރެއްވުމަކީ މިހައިތަނަށް ކުރައްވާފައިވާ ކަމެއް ނޫނެވެ.