މީގެ އެތައް ސަތޭކަ އަަހަރެއް ކުރިން ބޮޑުތަކުރުފާނު ޖިހާދު ކުރެއްވީ ޕޯޗްގީޒުންނާ ދެކޮޅަށް ކަމަށާއި މިއަދު ޖިހާދުކުރަން ޖެހިފަ މިވަނީ އަނިޔާވެރި ވެރިއަކާއި ދެކޮޅަށް ކަމަށް އަދާލަތު ޕާޓީގެ ރަޖިސްޓްރާރގެ ނައިބް ޙުސައިން ވަފީރު ވިދާޅުވެއްޖެއެވެ.
ކޯލިޝަނުން ރޭ ދިއްގަރުގައި ބޭއްވި ޖަލްސާގައި ވަފީރު ވިދާޅުވީ މިސަރުކާރުގެ ވެރިކަން ބަދަލުކުރަން ކުރާ މަސައްކަތްތަކަކީ ޤައުމު ދެކެ ލޯބިވާ އަދި އިސްލާމް ދީނަށް ލޯބިކުރާ ގިނަބައަކު ކުރަމުން ގެންދާ ދީނީ އަދި ޤައުމީ ޖިހާދެއް ކަމަށެވެ. އަދި މާތް ﷲ ވާގިފުޅާއިއެކު ހަނގުރާމަ ފަތަހަ ކުރެވެންދެން ޖިހާދު ކުރިއަށް ގެންދާނެ ކަމަށެވެ.
"މިޖިހާދަށް ބޭނުންވަނީ ރައްޔިތުންގެ ތާއީދު، ރައްޔިތުންގެ ވޯޓު. ހުރިހާ ރައްޔިތުންވެސް ކޯލިޝަންގެ ކެންޑިޑޭޓަށް ވޯޓު ދެއްވައިގެން ނަޞްރު ހޯއްދަވާ."
ރޭގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުންވެސް ވިދާޅުވީ ޤައުމަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ ރައްޔިތުންނަށް އޯގާތެރި އަދި އަދުލުވެރިކަމާއެކު ވެރިކަން ކޮށްދެއްވާނެ ވެރިއެއް ކަމަށެވެ.