ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރު ނިމިގެން މިދަނީ ދިއްގަރު ދާއިރާ "ކުށުވެރިކަމެއް"ގެ ތެރޭގައި ބާއްވައިގެން ކަމަށާއި އެހާލަތުން ދާއިރާ ސަލާމަތްކޮށް މިނިވަންކުރަންޖެހޭ ކަމަށް ދާއިރާގެ އިސް ގިނަ ބައަކު ބުނެފިއެވެ.
ގުޅިފައިވާ ކޯލިޝަނުން ދިއްގަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުން ވަނީ މަޖިލީހުގެ 18 ވަނަ ދައުރު ފެށުމާއިއެކު ދިއްގަރު ދާއިރާއަށް "ކުށުވެރިކަމެއް" ކުރިމަތިވެފަވާކަން ފާހަގަކުރައްވައިފައެވެ. "މިސަރުކާރުގެ ވެރިކަން ފެށުނުއިރު ދިއްގަރު ދާއިރާގެ މެންބަރަކީ ރައީސް ޔާމީންގެ އެންމެ ގާތް އެކުވެރިޔާ. އަޙްމަދު ނާޒިމް. އެމަނިކުފާނު ހިފައި ހައްޔަރުކޮށްފި، ދެން މެންބަރަކަށް އަޅުގަނޑުމެން އިންތިޚާބުކުރީ ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ފާރިޝް މައުމޫން. ހަމަ ކުޑަ ދުވަސްކޮޅެއްވީތަނާ އެމަނިކުފާނުވެސް ވަނީ ހައްޔަރުކޮށްފަ."
ރޭގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުންވެސް ވިދާޅުވީ މިދައުރު އެކުގައިހެން ނިމިގެން މިދަނީ ދިއްގަރު ދާއިރާ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ނުކުރެވި ކަމަށާއި އެކަމާއި ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދާއިރާގެ ރައްޔިތުންގެ ހައްޤުތައް ގެއްލިފައިވާ ކަމަށެވެ.