ހިތްވަރާއިއެކު ފުއްޕާމޭގެ ކެންސަރާއި ހަނގުރާމަ ކުރަމުންދިޔަ މަޖީދު ނިޔާވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 12ސ
ހިތްވަރާއިއެކު ފުއްޕާމޭގެ ކެންސަރާއި ހަނގުރާމަ ކުރަމުންދިޔަ މަޖީދު ނިޔާވެއްޖެ
ހިތްވަރާއެކު ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ތ. ތިމަރަފުށި ދިލާވަރު އަބްދުލްމަޖީދު މާހިރު (59އ.)، ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖީދު ނިޔާވެފައިވަނީ އޭނާ ފަހުން ދިރިއުޅެމުންދިޔަ ލ. ފުނަދޫގައެވެ.

މަޖީދުގެ ބަލިހާލަތާއިމެދު "މިއަދުނޫހަށް" މީގެކުރިން މައުލޫމާތު ދެމުން އޭނާގެ ދޮށީ ދަރިފުޅު ނަސްވާ ޢަބްދުލްމަޖީދު ބުނެފައިވަނީ، އޭނާގެ ބައްޕައަށް ކެންސަރު ބަލި ޖެހިފައި ހުރިކަން އެނގުނުއިރު ވެސް ބައްޕަ ހުރީ ކެންސަރުގެ ހަތަރުވަނަ ސްޓޭޖުގައި ކަމަށާއި އެއިރު ކީމޯތެރެޕީ ދީގެން ތިންވަނަ ސްޓޭޖަށް ވެއްޓުނު ކަމަށެވެ.

ތިންވަނަ ސްޓޭޖުގައި ހުރުމުން ކީމޯ ދިނުމަށްފަހު ޓިއުމަރުގެ އޮޕަރޭޝަން ކުރެވޭނެ ކަމަށް އިންޑިއާގެ ޑޮކްޓަރުން ބުނިކަމަށާއި ބޭސްފަރުވާއަށް ހަ މަސް ދުވަސް ވަންދެން އިންޑިއާގައި ތިބެންޖެހޭނެ ކަމަށް ވެސް ނަސްވާ ބުނެފައިވެއެވެ.

މާޖިދު ނިޔާވެފައިވަނީ ކެންސަރު ބައްޔަށް ބޭސްކުރުމަށް އިންޑިއާގައި ދުވަސްތަކެއް ހޭދަ ކުރުމަށްފަހު ރާއްޖެއައިތާ ދުވަސްކޮޅެއް ފަހުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖީދުގެ ބޭސްފަރުވާއަށް އަންނަ ސެޕްޓެމްބަރ މަހުވެސް ރާއްޖެއިން ބޭރަށްދާން ނިންމާފައިވެއެވެ.

މާތް ﷲ އެމަރްޙޫމްގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާ، ކަށްވަޅު އަޛާބުން ސަލާމަތް ކުރައްވާފާނދޭވެ! އަދި މިފަދަ ހިތްދަތި ވަގުތެއްގައި މަރްޙޫމްގެ އާއިލާއަށް ހިތްވަރާއި ކެތްތެރިކަން ދެއްވާފާނދޭވެ! އާމީން.

މިއަދު އޮންލައިން