ކައިވެނި ކުރުމުގެ ފުރުސަތު ދޭންވީ ބްރިޖްމަތީގައި ނޫން ކަމަށާއި މާލެ އާއި ހުޅުމާލޭގައި ހުންނަ އިމާރާތް ތަކުގައިކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފިއެވެ.
"ސިނަމާލެ" ބްރިޖް މަތީގައި ކައިވެނި ކުރުމުގެ ފުރުސަތު އިއްޔެ ސަރުކާރުން ވަނީ ހުޅުވާލާފައިއެވެ. އިއްޔެ އެންމެ ފުރަތަމަ ދޫކުރި ފޯމަތަކުގައި ވަނީ ބަރިޖް މަތީގައި ކުރާ ކައިވެނީގެ ހުރިހާ ހަރަދެއް ސަރުކާރުން ދޭގޮތަށް ހަމަޖެހިފައި އެވެ. އެގޮތުން ކައިވެންޏަށް ޒީނަތްރެރި ވުމަށާއި ހެދުމަށް 27،000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވެއެވެ.
ނަމަވެސް މިހާރުވަނީ ފޯމަށް ބަދަލުގެނެސް ސަރުކާރުން ކުރާނެ ހަރަދުތައް ބަދަލު ކޮށްފައިއެވެ. އޭގެ ތެރޭގައި މިހާރު ހިމެނެނީ ހަމައެކަނި ކައިވެނި ކުރާ ތަން ޒީނަތްތެރި ކުރުމާއި ކައިވެނީގައި ބައިވެރިވާ މީހުންގެ ކެއުމާ ފޮޓޯނެގުމުގެ ހަރަދެވެ.
މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި،އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ދަރުބާރުގޭގައި ކައިވޭނީގެ ހަފްލާބޭއްވުމަށް ދަތިވެފައި ވާއިރު 2016 އަހަރުގެ ލޯކަލް ކައުންސިލް އިނަތިހާބަށްފަހު ޕީ.ޕީ،އެމް އިން އެ ޕާޓީގެ ކެންޕޭންތައް ބޭއްވުމަށް ދަރުބާރުގެ ނަގާފައިކަމަށާއި އެފަދަ އެހެން އިމާރާތެއް ހޯދުމަށްވެސް ދަތިކަމަށެވެ.
މީގެއިތުރުން ބްރިޖް މަތީގައި ކައިވެނި ކުރުމުގެ ފުރުސަތު ހޯދައި ދިނުމުގެ ބަދަލުގައި ދަރުބާރުގެ ފަދަ އިމާރާތްތަކުން އާންމުންނަށް ލިބޭނެގޮތެެއް ހަމަޖައްސައި ދިނުމަށް ވެސް މާރިޔާ ގޮވައި ލެއްވިއެވެ.
ރައްޔިތުންގެ ފަސޭހައަކަށްޓަކައި އެޅޭ ބްރިޖުގައި ކައިވެނި ޕާޓީއަކަށް ބްރިޖް ބަންދު ކުރެއްވުންއިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނުސިފަކުރެއްވީ އެއްވެސް ރޭވުންތެރި ކަމެއް ނެތް ކަމެއްގެގޮތުގައެވެ.
ސަރުކާރުން ބޮޑު ހަރަދެއް ކޮށްގެން، ބްރިޖްމަތީގައި ކައިވެނި ކުރުމުގެ ފުރުސަތު ދިނުމުން ބައެއް ރައްޔިތުން އަންނަނީ ފާޑުކިޔަމުންނެވެ. ގިނަ މީހުން ބުނާ ގޮތުގައި ބްރިޖުމަތީގައި ބާއްވާ ކައިވެނިތަކަށް ހަރަދު ކުރުމަށް ވުރެ އެ ފައިސާ ހަރަދުކުރާނެ މާ އެކަށީގެންވާ ރަނގަޅު ކަންކަން ގިނަ ކަމަށެވެ.