މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިހެބިލިޓޭޓް ކުރާ ނެޝަނަލް ޑްރަގް އޭޖެންސީގައި ބޭނުން ކުރާނެ ވޭނެއް ޗައިނާ ސަރުކާރުން ހަދިޔާ ކޮށްފިއެވެ.
ޑްރަގް އޭޖެންސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހަދިޔާކޮށްފައިވަނީ މިނީ ވޭނެކެވެ. އެ ވެހިކަލާ ހަވާލުވެލެއްވީ އެ އެޖެންސީގެ ސީއީއޯ ހަސަން ޝަހީލެވެ.
ޗައިނާ ސަރުކާރުން ދާދިފަހުން ވަނީ އެމްއެންޑީއެފްއަށް ސީ އެމްބިޔުލާންސެއް ވެސް ހަދިޔާ ކޮށްފިއެވެ. މީގެ އިތުރުންވެސް މި މަހުގެ ތެރޭގައި ދިވެހި ޒުވާނުން ކުޅިވަރުގެ ދާއިރާއިން ކުރިއެރުވުމަށް 46 ފުޓްސަލް ދަނޑު ހަދިޔާކުރުމަށް ވެސް އެގައުމުން ވަނީ ނިންމާފަ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ އެމްބަސަޑަރު ޒާންކް ލީ ޒޮންގް ވިދާޅުވީ ޑްރަގް އެޖެންސީއަށް އެހީތެރިވުމަކީ ލިބުނު އުފަލެއް ކަމަށެވެ.