ރ. މުރަވަންދޫން ފުރައިގެން މާލެ ދަތުރުކުރި "ޑީ ބުލޫ ކެރިއަރ" ނަމަކަށް ކިޔާ 98 ފޫޓްގެ ސަޕްލައި ދޯންޏެއް ބ.ހިތާދޫ ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ ދަންވަރު 01:55 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން ކޯސްޓްގާޑު ލޯންޗެއްގައި ކޯސްޓްގާޑުގެ ޑައިވަރުންނާއެކު އެސަރަޙައްދަށް ގޮސްފަވެއެވެ.
މި ހާދިސާ ހިނގިއިރު އެ ދޯނީގައި 4 މީހުން ތިބިއިރު އޭގެ ތެރޭގައި 3 ބިދޭސީންނާއި ދިވެއްސަކު ހުއްޓެވެ. އަދި، ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ
މި ދޯނި ފުންކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ އެހީތެރިކަމާއެކު ދޯނީގެ ވެރި ފަރާތުން ހަމަޖެއްސި އެހެން ދޯންޏެއްގެ އެހީގައި ދޯނި ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.