ގއ.ދާންދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން އެރަށުގެ އަންހެނުން ކަނބަލުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.
މިމަހުގެ 4 ވަނަދުވަހުން ފެށިގެން 3 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ރައްޔިތުން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބާރުއެޅުމުގެ ގޮތުންނާއި ފުލުހުންނާ ރައްޔިތުންނާ ދެމެދު އޮތް ގުޅުން މިހާރަށްވުިރެ ރަނގަޅުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މިގޮތުން މި ޕްރޮގްރާމުގައި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކަސްރަތަކީ ކިހާ މުހިންމު އެއްޗެއްކަމާއި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތަކާއި ފައިދާހުރި ގޮތެއްގައި ކަސްރަތުކުރުމުން ހަށިގަނޑަށް އަންނަ ބަދަލުތަކާއި ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމުގައި ސަމާލުވާންވީ ކަންކަމާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްގައި 25 ފަރާތަކުން ބައިވެރިވެފައިވާއިރު މި ޕްރޮގްރާމުގެ ކުލާސްތައް ކޮންމެ ހަފްތާއަކު 6 ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގެ ކުލާސްތައް ކުރިއަށް ގެންގޮސްދެނީ ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ކަމުގެ ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.
ރަށްރަށުގައި މަސައްކަތްކުރާ ފުލުހުން ދަނީ އެރަށްރަށުގެ މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތަކާ ގުޅިގެން މިފަދަ ކަސްރަތު ޕްރޮގްރާމްތައް ސިލްސިލާކޮށް ހިންގަމުންނެވެ.
ޙަބަރު ޕޮލިސް