އެސްޓީއޯގެ ވިޔަފާރި ލިމިޓްކޮށްފިނަމަ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށް ނުދެވޭނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ގދ. މަޑަވެލީގައި ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ހެޔޮ އަގުގައި އަދި ރަނގަޅު ފެންވަރުގައި ކަރަންޓުގެ ޚިދުމަތް ފެނަކައިން ފޯރުކޮށްދެމުން ގެންދާއިރު ފެނަކައިން އެސްޓީއޯއަށް މިހާރުވެސް 500 މިލިއަން ރުފިޔާއަށް ދަރާ އެބައޮތް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މަސްވެރިންނަށާއި އުޅަނދުފަހަރަށް ބޭނުންވާ ތެޔޮ ހެޔޮއަގުގައި ފޮރުކޮށްދެވެނީވެސް އެސްޓީއޯގައި ޤާބިލުކަން ހުރުމުން ކަމަށެވެ. އަދި މަސްވެރިން ބާނާ މަހަށް ދުވަހުން ދުަހަށް އަގު ދެވެމުންދަނީވެސް އެސްޓީީއޯގައި ޤާބިލުކަން ހުރުމުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ކާޑުގެ ބާވަތްތައް ހެޔޮ އަގުގައި ވިއްކެނީވެސް އެސްޓީއޯގެެ ވަރަށް ބުރަ މަސައްކަތުން ކަމަށާއި ކާޑުގެ ބާވަތްތައް ރާއްޖޭގެ ގުދަންތަކުގައި ރައްކައުތެރިކަމާއިއކު ބެހެއްޓެނީ ވަރަށް ކުރު މުއްދަތެއްގައި ކަމަށްވުމުން ކާޑު ލިބުމަށް ދަތިނުވެ ސްޓޮކް ހުސްނުކޮށް ބެހެއްޓުމަކީވެސް ވަރަށް އެސްޓީއޯ އިން ފޯރުކޮށްދޭ ވަރަށް މުހިންމު ޚިދުމަތެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އާބާދީ މަދު ރަށްރަށުގައި ބޭސްފިހާރަތައް ހިންގުމަކީވެސް އެސްޓީއޯ އިން އެއްވެސް ފައިދާއެއް ނެތި ގެއްލުމުގައި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ކޮންމެ ރަށެއްގައި ބޭސް ފިހާރަތައް ހިންގެނީވެސް އެސްޓީއޯގައި އެކަން ކުރުމުގެ ޤާބިލުކަން ހުރުމުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ މިފަދަ ހުރިހާ ޚިދުމަތްތަކެއްހެން އެސްޓީއޯ އިން ފޯރުކޮށްދެމުން އެގެންދަނީ އެކުންފުނީގައި މާލީ ޤާބިލުކަން ހުރުމުން ކަމަށާއި އެސްޓީއޯގެ ވިޔަފާރި މިހާރަށްވުރެ ހަނިކޮށްފިނަމަ ލިބޭ އާމްދަނީ މަދުވެ މިފަދަ ޚިދުމަތްތައް ފޯރުކޮށް ނުދެވޭނެ ކަމަށެވެ. އެހެންކަމުން އެސްޓީއޯގެ ވިޔަފާރިތައް ހަނިކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.