ގދ، އަތޮޅުގެ ރަށެއްގައި އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނާއި، އުމުރުން 75 އަހަރުގެ މީހަކު ގަދަކަމުން ބަދު އަޚްލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައިގައި، އެމީހާގެ މައްޗަށް ކުރި ދައުވާ އިއްޔެ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ބާތިލު ކޮށްފިއެވެ.
ވަކި ސަބަބެއް ހާމަ ނުކޮށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އެމައްސަލަ ބާތިލު ކުރިއިރު، އެމީހާގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެއެވެ. އެއީ އެއްބަނޑު އެއްބަފާ އެހަތަރު ބެއިންނާއި ބެހުމުގެ އިތުރުން މީހަކާއި އިނދެގެން އުޅޭ މީހަކާއެކު ޒިނޭ ކުރި ކަމުގެ މައްސަލައެވެ. އެއަންހެން މީހާއަކީ އެކުދިން މަންމަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އުމުރުން ދުވަސްވީ މީހާގެ މައްޗަށް އެދައުވާ ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް މިހާތަނަށް އެމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައި ނުވާކަން ވެސް ފާހަގަ ކުރެވެއެވެ.
މިމައްސަލަ އެންމެ އުމުރުން ދުވަސްވީ މީހާގެ އުފަން ރަށުގައި ކުރިއަށް ގެންދިޔަ ކަމުގައި ވިޔަސް، މިދިޔަ ޖޫން މަހުގެ ތެރޭގައި އެމައްސަލަ ވަނީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ބެލުމަށް ބަދަލުކޮށްފައެވެ.
އުމުރުން 75 އަހަރުގެ މީހާގެ މައްޗަށް ކުރާ ދައުވާ ތިނަދޫ ކޯޓުން ބާތިލުކުރިކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ވަނީ ޔަގީންކޮށްދީފައެވެ. ނަމަވެސް އެމައްސަލަ އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުގައި، އެކި ފަހަރު މަތިން އެހަތަރު ބެއިންނަށް އެމީހާ ޖިންސީ ގޯނާ ކޮށްފައިވަނީ މީގެ 12 އަހަރު ކުރިން ފެށިގެންނެވެ. އެތުހުމަތުގައި މިދިޔަ އަހަރުގެ ނޮވެމްބަރ މަހު އެމީހާ ހައްޔަރު ކުރި ނަމަވެސް، މަހެއް ނުވަނީސް އޭނާވަނީ ދޫކޮށްލާފައެވެ.