ނުރައްކާތެރި ބެކްޓީރިއާއެއް ކަމަށްވާ "ލިސްޓީރިއާ މޮނޮސައިޓޮޖެންސް" އިން ތަޣައްޔަރުވެފައިވާ ތަރުކާރީ ރާއްޖެއަށް އެތެރެވުން ހުއްޓުވަން މޯލްޑިވްސް ފޫޑް އެންޑް ޑްރަގް އޮތޯރިޓޯ (އެމްއެފްޑީއޭ) އިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފިއެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގަނޑުކުރި ތަރުކާރީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިމްޕޯޓު ކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށާއި އެ އުފެއްދުންތަކުގެ ނުރައްކަލަށް ބަލައި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން ބުނެފައިވަނީ ޔޫރަޕުން އިމްޕޯޓްކުރާ ގަނޑުކުރި ތަރުކާރީ އަދި މޭވާއަށް ހެލްތު ކްލިއަރެންސް މިހާރު ދޭން ހަމަޖެހިފައި ވަނީ އިމްޕޯޓް ކުރާ ގައުމެއްގެ ކޮމްޕިޓެންޓް އޮތޯރިޓީއެއްގެ ފައިޓޯސެނިޓަރީ ސެޓްފިކެޓް ހުށަހެޅުމުން ކަމަށާއި. އަދި އެ މިސެޓްފިކެޓް ހުށަނާޅައި ސިޕްމަންޓްތަކަށް ހެލްތު ކްލިއަރެންސް ދެވޭނީ އިމްޕޯޓް ކުރާ ފަރާތުގެ އަމިއްލަ ޚަރަދުގައި އެކްރެޑިޓް ކޮށްފައިވާ ލެބޯރަޓަރީއަކުން ތަހްލީލްކޮށް އެތަހްލީލްގެ ނަތީޖާ ހުށަހެޅުމުން އެއަށް ރިއާޔަތްކޮށް ބެލުމަށް ފަހު ކަމަށެވެ.
"ލިސްޓީރިއާ މޮނޮސައިޓޮޖެންސް" އަކީ ސިކުނޑި އަދި ސްޕައިނަލް ކޯޑު ފަދަ ހަށިގަނޑުގެ މުހިންމު ގުނަވަންތަކުގައި އިންފެކްޝަން އުފައްދާ ބެކްޓީރިއާއެކެވެ.
މި ބެކްޓީރިއާގެ އަސަރު އެންމެބޮޑަށް ކުރަނީ މާބަނޑު އަންހެނުންނަށާއި، އަލަށް ވިހާ ކުދިންނަށާއި، އުމުރުން ދަވަސްވީ މީހުންންގެ އިތުރުން ދިފާއީ ނިޒާމުގައި މައްސަލަ ހުންނަ މީހުންނަށެވެ.