މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ވީނުވީއެއް ނޭނގި ގެއްލުމާއި ގުޅިގެން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވި ބަސްފުޅާއި ޚުދު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވި ބަސްފުޅާމެދު ފުރިހަމަ ތަހުގީގެއް ކުރުމަށް، ރިޟްވާން ގެ އާއިލާއިން ފުލުހުންނަށް ގޮވާލައިފިއެވެ.
"މިއަދުނޫހަށް" ދިން ކުޑަ ބަސްދީގަތުމެއްގައި ރިޟްވާންގެ ދައްތަ ފާތިމަތު ޝެހެނާޒް ބުނެފައިވަނީ، ރިޟްވާން ނިޔާވެއްޖެކަން އެއްވެސް ތަހުގީގަކުންވެސް އެނގިފައިނުވާއިރު، އޭނާ ނިޔާވެއްޖެކަމަށް ރައީސް ޔާމީން މިއަދު ވިދާޅުވުމުން ހާމަވެގެން ދަނީ ރިޟްވާން ގެއްލުނުތާ ހަތަރު ވާއިރުވެސް ފުރިހަމަ ތަހުގީގެއް ކުރެވިފައި ނުވާކަން ކަމަށެވެ.
އަދީބު މިހެން ވިދާޅުވިފަހުން ގދ. އަތޮޅަށް މިއަދު ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. މަޑަވެއްޔަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވެފައިވަނީ " ނޫސްވެރިޔާ ރިޟްވާން މިހާރު ނިޔާވެފަ" ކަމަށާއި "ޝައްކެއްވެސް ނެތް، މިއީ ވަރަށް ހިތާމަ ހުރި ކަމެއް" ކަމަށެވެ.
މީގެއިތުރުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ރިޟްވާންގެ މަރުގެ މައްސަލަ، ކެބިނެޓް ފެންވަރުގައި އަދީބު ހޯއްދަވަން އުޅެނިކޮށް ރައީސް ޔާމީން އެކަން ހުއްޓުވިކަމަށް އަދީބު ބުނާ ވާހަކައަކީ ދޮގެއް ކަމަށެވެ.
ރިޟްވާން ނިޔާވެފައިވާކަމަށް ރައީސް ޔާމީން މިއަދު ބުނެފައިވުމުން، މިކަމާއި ގުޅޭގޮތުން އޭނާގެ ދައްތަ ބުނެފައިވަނީ، މިމައްސަލައިގައި ރައީސް ޔާމީން އާއި ކުރީގެ ނައިބު ރައީސް ގެ މައްޗަށް ފުރިހަމަ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ގޮވާލާ ކަމަށެވެ.
"ރިޟްވާން ނިޔާވެއްޖެކަމަށާއި އަދީބު ވިދާޅުވާ ވާހަކަތަކާއި ގުޅިގެން، އެދެބޭފުޅުންގެ (ރައީސް ޔާމީނާއި އަހުމަދު އަދީބުގެ) މައްޗަށް މިހާރުން މިހާރަށް ފުރިހަމަ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ގޮވާލަން" ރިޟްވާން ގެ ދައްތަ ބުނެފައިވެއެވެ.