ހުޅުމާލޭގައި އުމުރުން 25 އަހަރުގެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، މިއަދު ހެނދުނު ހުޅުމާލޭ ފިތުރޯނު މަގުގައި ހުންނަ، އެސްޓީއޯއިން ހަދަމުންދާ ހޮޓަލެއް އިންނަ ސަރަޙައްދުގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި އޭނާއަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މިމައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 7:00 ގައެވެ.
އާސަންދައިގެ ފަރާތުން ހިންގަމުންދާ ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް އާޝިއާ ސޯލިޙު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެހޮސްޕިޓަލަށް އެމީހާ ގެނެސްފައިވަނީ މިއަދު ހެނދުނު 7:10 ގައި ކަމަށާއި ގެނައި އިރު އޭނާގެ ހަށިގަނޑުގެ އަށް ތަނަަކަށް ހަމަލާދީފައިވާ ކަމަށެވެ.
ނަމަވެސް ފަހުން ޒުވާނާގެ އާއިލާގެ އެދުމުގެ މަތިން ހެނދުނު 11:30 ހާއިރު އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލު ކުރެވުނު ކަަމަށާއި، އެހޮސްޕިޓަލަށް ބަދަލު ކުރެވުނުއިރު އޭނާގެ ހާލު އައީ ރަނގަޅުވަމުން ކަމަށް ވެސް އާޝިއާ ވިދާޅުވެފައިވެއެވެ.
މިހަމަލާއާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާކަމަށާއި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.