ރައީސް ޔާމީން ކޮލަމާފުއްޓަށް ވަޑައިގަންނަވާތީ ކޯޓުން އަމުރަކުން އެމްޑީޕީ ގެ ދިދަތައް ނަގައިފި

ކިޔުމަށް ހޭދަވާނީ 1މ 26ސ
ރައީސް ޔާމީން ކޮލަމާފުއްޓަށް ވަޑައިގަންނަވާތީ ކޯޓުން އަމުރަކުން އެމްޑީޕީ ގެ ދިދަތައް ނަގައިފި
ރައީސް އަބްދުﷲ ޔާމިން އަބްދުއްގައްޔޫމް ގއ.ކޮލަމާފުށްޓަށް ވަޑައި ގަންނަވާތީ، ރިޔާސީ އިންތިހާބަށް ކެމްޕޭންކުރުމަށްޓަކައި އެރަށުގެ އެމް.ޑީ.ޕީ އޮފީހުގެ ބޭރުގައި ދަމާފައިވާ ދިދަތައް، ކޯޓުން އަމުރަކާއެކު ފުލުހުން އެދިދަތައް ރޭ ނަގައިފިއެވެ.

އެ ދިދަތައް ނެގުމަށް ފުލުހުން ކޮލަމާފުށީ އެމް.ޑީ.ޕީ އޮފީހުގެ އިސް ވެރިންނަށްވެސް އަންގާފައެވެ. ނަމަވެސް، ކުރިން އެނގި އެންގުމަށް ޢަމަލު ނުކުރެއްވުމުން ކޯޓުގެ އަމުރަކާއެކު އެންމެފަން ފުލުހުން ވަނީ އެ ދިދަތައް ނަގާފައެވެ.

ކޮލަމާފުށީ ދަމާފައިވާ ދިދަތައް ނެގުމަށް ފުލުހުން އެންގީ އެރަށުގައި އެމް.ޑި.ޕީ އަށް ނިސްބަތްވާ އެރަށު ކައުންސިލް މެމްބަރު އަލީ ވަހީދުގެ އިތުރުން، ކައުންސިލްގެ ކުރީގެ ރައީސް އަހްމަދު ޖަމީލް އާއި ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަހުމަދު ރައޫފް ޕޮލިސްޓޭޝަނަށް ހާޒިރު ކުރެއްވުމަށް ފަހުގައެވެ.

ފޮލިހުންގެ އެންގުމަށް ޢަމަލު ނުކުރެއްވީ ކެމްޕޭން ކުރުމުގައި ގާނޫންއަސާސީއިން ބުނާ ގޮތުން ހުރިހާ އެންމެންނަށް ލިބިފައިވާ ހަމަހަމަ ފުރުސަތަކަށް ވާތީ ކަމަށް ވަހީދު ވިދާޅުވިއެވެ. އަދި އެރަށުގައި ހުރި އެމް.ޑީ.ޕީ ދިދަތައް ނެގި ކަމުގައިވިޔަސް، ވެރިކަން ކުރާ ޕާޓީ ޕީ.ޕީ.އެމް ދިދަތައް އަދިވެސް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

އ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގައި ވަނީ ކޮލަމާފުށީ އެމް.ޑީ.ޕީ އޮފީސް ސަރަހައްދުގައި ކުރިއަށް އޮތް ތިން ދުވަސްތެރޭގައި ދިދަތައް ނުދެމުމަށެވެ. ދިދަތައް ނަގަންއެންގީ، ރައީސް ޔާމީން އެއަތޮޅުގެ ރަށްރަށަށް ވަޑައިގަންނަވާ އިރު، އެ ދަތުރުފުޅަށް ހުރަސް އެޅޭ ފަދަ ހަރަކާތްތަކެއް ހިންގަން ރާވަމުން ދާކަމުގެ ޚަބަރު ފަލުހުންނަށް ލިބިފައި ވުމުންކަމަށް ވެސް އެ އަމުރުގައި ވެއެވެ.
މިއަދު އޮންލައިން