ބިން މިލްކްވިއަ ނުދިނުމަކީ އިންވެސްޓަރުންނަށް އެޅޭނެ އެންމެ ބޮޑު ހުރަސް: ރައީސް ޔާމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ބިން މިލްކްވިއަ ނުދިނުމަކީ އިންވެސްޓަރުންނަށް އެޅޭނެ އެންމެ ބޮޑު ހުރަސް: ރައީސް ޔާމީން
އިންވެސްޓަރުންނަށް ބިން މިލްކްވިއަ ނުދިނުމަކީ އިންވެސްޓަރުންނަށް އެޅޭނެ އެންމެ ބޮޑު ހުރަސް ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ފަރެސްމާތޮޑާ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަށް މިހާރު ބޭނުންވަނީ ބޮޑެތި ބިޔަ އިންވެސްޓްމަންޓްތައް ކަމަށާއި ބިން މިލްކުކޮށް ނުދޭނަމަ 1،000 މިލިއަން ޑޮލަރު ވަރުގެ ބިޔަ މަޝްރޫއުތަކަށް އިންވެސްޓަރުން އިންވެސްޓް ނުކުރާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އިންވެސްޓަރުން ހޯދަން ދެވޭނެ އެންމެ ބޮޑު އިންޓެންސިވަކީ ބިން މިލްކުކޮށް ދިނުން ކަމަށެވެ. 99 އަހަރަށް ބިން ދިނުމުން އިންވެސްޓަރުން ހިތް ހަމަނުޖެހޭ ކަމަށާއި ބިން މިލްކުވާން އިންވެސްޓަރުން ބޭނުންވާ ކަމަށެވެ.

ރާއްޖެއިން ބިން މިލްކުކުރުމުގެ ފުރުޞަތު ހުޅުވާލައްވާފައިވާނީ ވަކި ބައަކަށް ނޫން ކަމަށާއި 1،000 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުތައް ހިންގާ ހުރިހާ ފަރާތްތަކަށް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ގުޅިފަޅުގައި ތަރައްޤީކުރަނީ 1،000 މިލިއަން ޑޮލަރަށްވުރެވެސް ބިޔަ މަޝްރޫއެއްކަންވެސް ރައީސް ޔާމީން ވަނީ ފާހަގަކުރައްވައިފައެވެ. ނަމަވެސް އެފަޅުގައި ކުރާ އިންވެސްޓްމަންޓްތަކުގެ ބިންތައް މިލްކުވާނެ ކަމަށް ވިދާޅުވެފައެއް ނުވެއެވެ. އެފަޅުގައި އިންވެސްޓްކުރަނީ ތައިލެންޑް ކުންފުންނަކުންނެވެ.
މިއަދު އޮންލައިން