ކޯލިޝަނުގެ ސަރުކާރުގައި ދިވެހި ރައްޔިތަކު ބައްޔެއްވުމުން ފަރުވާ ކުރާނެ ފައިސާ ނުލިބިގެން ފަންޑުފޮށި ހިފައިގެން ސަލާންޖަހަން ހިނގަން ނުޖެހޭނެ ގޮތަކަށް ބޭސްފަރުވާ ކޮށްދެއްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
މިކަން ހާމަ ކުރެއްވީ ކޯލިޝަނުން މިރޭ ހައްދުންމަތި ގަމުގައި ބޭއްވި ޖަލްސާގައެވެ.
އިބޫ ވިދާޅުވީ ރަށްރަށުން ނަގާފައިވާ ގޯތިތަކުގައި ގެދޮރު އަޅަން މިސަރުކާރުން ލޯނު ދެނީ ކުރު މުއްދަތަށް ބޮޑު އިންޓަރެސްޓުގައި އަދި އެންމެ 200،000 ރުފިޔާގެ ލޯނު ކަމަށްވާތީ ގިނަ ބައަކު ޝަކުވާ ކުރާ ކަމަށާއި ކޯލިޝަނުގެ ސަރުކާރުން، ގެދޮރު އެޅޭ ވަރުގެ ލޯނު ދިގު މުއްދަތަށް ކުޑަ އިންޓަރެސްޓުގައި ދޫކުރާނެ ކަމަށެވެ.
އުމުރުން 65 އަހަރުވެފައިވާ މީހުންނަށް މިހާރުދޭ އެލަވަންސް، 5،000 ރުފިޔާ އެއަށްވުރެ ބޮޑުކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ. "އިންފްލޭޝަން އަށް އަންނަމުން މިދާ ބަދަލުތަކާއިއެކު ސަރުކާރުން ދޭ އެލަވަންސްތައްވެސް މަތިކުރަންޖެހޭނެ. އެކަމަށް މަސައްކަތްކުރާނަން." އިބޫ ވިދާޅުވިއެވެ.