ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މާތް މީހަކީ ކާކު؟
ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މާތްކަން ބޮޑުވެގެންވާ މީހަކީ ކާކުތޯ ގިނަ ބައަކު ސުވާލުކުރެއެވެ. މިކަމުގައި އަހަރެން ނަގާނީ ޢުޘްމާން ބިން ޢައްފާން ރިވާކުރައްވާފައިވާ ހަދީޘްފުޅެވެ.
"އެންމެ މާތް މީހަކީ ކީރިތިޤްރްއާން އުގެނި އަދި އުނގަންނައިދޭ މީހާއެވެ!."
އަހަރެން ޤަބޫލުކުރާ ގޮތުގައި މިޙަދީޘްފުޅުގެ މާނައަކީ ހަމައެކަނި އަލިފް ބާ ކިޔަވައިދިނުމެއް ނޫނެވެ. ކީރިތި ޤްރްއާން މުރާޖަޢާކޮށް ތަފްސީރު ހޯދައި މީސްތަކުންނަށް އޮޅުންފިލުވައިދޭންވެސް ޖެހޭނެއެވެ. ކީރިތި ޤްރްއާން އުނގެނުމަށާއި އުނގަންނައި ދިނުމަށް ވަގުތު ހޭދަކުރަންވެސް ޖެހޭނެއެވެ.
ކީރިތި ޤްރްއާން ކިޔެވުމުން ސަވާބުލިބޭ ފަދައިން ކީރިތި ޤްރްއާން ދިރާސާކުރުމާއި ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ކަންކަން އުނދެނި ދަސްކުރުމަކީ ވެސް ސަވާބު ލިބޭ ކަމެކެވެ. ޚާއްޞަކޮށް ކީރިތި ޤްރްއާނަށް އަމަލުކުރުމަކީ ވެސް އެހައިމެ މަތިވެރި ސަވާބު ލިބޭނެ ކަމެކެވެ.
ކީރިތި ޤްރްއާން އުނގެނުމާއިި އުނގަންނައި ދިނުމުގެ މާނައަކީ ވަރަށް ފުޅައު މާނައެކެވެ. މިޒަމާނަށް ބަލައިފިނަމަ ރިސަރޗް ސެންޓަރުތައް ހަދައިގެން ކީރިތި ޤްރްއާންގެ ޢިލްމު އުނގެނެން ކުރާ މަސައްކަތްތަކަކީވެސް ހަަމ ކީރިތި ޤްރްއާން އުނގެނުމަށް ކުރާ މަސައްކަތްތަކެވެ.
މީސްތަކުންނޭވެ! ދުނިޔޭގައި އުޅެންޖެހޭނީ ދަތުރުވެރިއެއް ފަދައިންނެވެ. އަަބަދުވެސް ދަތުރުުކުރަން ޖެހޭނީ ވީހައި ލުއިކޮށެވެ. ތަނަކަށް ދާ ކޮންމެ ފަހަރަކު ގެންގުޅޭ ހުރިހާއެއްޗެއް އުފުލަން އުޅޭނަމަ އަބަދުވެސް އޮންނާނީ އެކްސަސް ދައްކަން ޖެހިފައެވެ. އެކަމުން ސަލާމަތްވާނީ ވީހައި ލުއިފަސޭހަކޮށް ދަތުރުކުރުމުންނެވެ.
ބުނަން ބޭނުމީ އަބަދުވެސް މަރަށް ތައްޔާރުވެގެން ހުރުމަށެވެ. އަދާކުރަންޖެހޭ ކަންކަން ކޮށްނިންމައިގެން ހުރުމަށެވެ. ކޮންމެ ވަގުތަކު މަރުހިއްޕަވަން މަލާއިކަތުން ވަޑައިގެންނެވި ނަމަވެސް ހިތާމަކުރަންޖެހޭ މިންވަރަށް ތައްޔާރުވެގެން ހުރުމަށެވެ.
މިދުނިޔެއަކީ އެއްވެސް މުހިންމު ތަނެއް ނޫނެވެ. މިސާލަކަށް މީހަކު ގަދައަޅައި މަސައްކަތްކުރަމުން އައީ މިރަށުގައި ހުރި އެންމެ އުސް 3 އިމާރާތް ގަތުމަށެވެ. ޒުވާން އިރުންސުރެ އަޒުމް ކަނޑައަޅައިގެން އެކަމަށް ކުރި މަސައްކަތުން މުސްކުޅިވި އިރު ވަނީ 3 އިމާރާތް ގަނެވިފައެވެ.
އިމާރާތް ގަތްތާ ،2 3 ދުވަސް ނުވަނީސް މަރާއި ކުރިމަތިލާން ޖެހިއްޖެއެވެ. ދެން ބުނަން ޖެހޭނީ ކީކޭ ހެއްޔެވެ؟ އެ 3 އިމާރާތް ގަތްކަމުން ކުރީ ކޮން ފައިދާއެއް ހެއްޔެވެ؟ މަރުވެގެން ކައްވަޅަށް ދާނީ 3 އިމާރާތް ހިފައިގެން ހެއްޔެވެ؟ ނޫނީ ރަށުގެ އެންމެ އުސް 3 އިމާރާތުގެ ވެރިއަކަށް ވުމަކީ ﷲގެ ޙަޟްރަތުން ސަވާބު ލިބޭނެ ކަމަކީ ހެއްޔެވެ؟ ވީމާ އެފަދަ މީހަކަށް އަހަރެން ބުނާނީ އޭނާ ވަރުގެ ބޮޑު މޮޔައަކު ނެތް ކަމަށެވެ.
މިވާހަކަތައް މިކިޔައިދިނީ ކަމެއް ވިސްނައި ދިނުމަށެވެ. ދުނިޔޭގައި ހޭދަކުރަން ލިބޭ މަދު ދުވަސްކޮޅު ހޭދަކުރަންވީ އުސް އިމާރާތްތައް ގަތުމަށާއި މަހުޖަނުކަން އިތުރުކުރާކަށް ނޫނެވެ. ވަގުތު ހޭދަކުރަންވީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މާތް މީހަކަށް ވުމަށެވެ. ބަލަންވީ ވީހައި ގިނަ ހެޔޮ އަމަލުތައް ކުރުމަށެވެ. ވީހައި ބޮޑަށް ކީރިތި ޤްރްއާނުގެ އަހުލުވެރިއަކަށް ވުމަށެވެ. ހުރިހާ މަސައްކަތެއްކޮށްގެން އެންމެ އުސް 3 އިމާރާތް ގަތް މީހާއަށް ޖެހުނު ޙާލު ނުޖެހި ސަލާމަތްވާނީ އެއިރުންނެވެ.
-- މުފްތީ މެންކުގެ ދަރުސަކުން