ތިނަދޫގެ ތަރައްޤީއަށް 1000 މިލިއަން ޚަރަދުކޮށްފިން- ބޮޑެތި އެއްވެސް ރަށެއްގަ ތަރައްޤީއަށް ކުރާނެ އިތުރު ކަމެއް ނޯންނާނެ: ރައީސް ޔާމީން
ތިނަދޫގެ ތަރައްޤީއަށް މިސަރުކާރުން މިހާރުވެސް ވަނީ 1000 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ތިނަދޫއަކީ ވަރަށް ޚާއްޞަ ކަމެއް ދީގެން ތަރައްޤީކުރަމުން ގެންދާ ރަށެއް ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ގދ ތިނަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން އިއްޔެ ވިދާޅުވީ ރާއްޖޭގެ ބޮޑެތި ހުރިހާ ރަށްތަކަށް ބޭނުންވާ ތަރައްޤީގެ މަޝްރޫއުތައް ވަނީ ހިންގައި ނިމިފައި ކަމަށާއި ބޮޑެތި އެއްވެސް ރަށެއްގައި ތަރައްޤީއަށް ކުރާނެ އިތުރު އެއްވެސް ކަމެއް މިހާރު ނުއޮންނާނެ ކަމަށެވެ.
ރައިސް ޔާމީން ފަރެސްމާތޮޑާގައި ވާހަކަފުޅު ދައްކަވަމުން އިއްޔެ ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ވެސް އަމިއްލަ ރަށުގައި ތިބެގެން ވަޒީފާ އަދާކޮށް އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށެވެ. އެހެންކަމާއިއެކުވެސް ދިރިއުޅުން މާލެ ސަރަހައްދަށް ބަދަލުވާން ބޭނުންވާ އެންމެންނަށް އެކަމުގެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށެވެ.