ރިޟްވާން ގެއްލުނުތާ 4 އަހަރު: ލޮލަށް ފެންނަން ނެތަސް، ހަނދާންތައް ހިތުން ފިލައިގެން ނުދާނެ!

ކިޔުމަށް ހޭދަވާނީ 3މ
ރިޟްވާން ގެއްލުނުތާ 4 އަހަރު: ލޮލަށް ފެންނަން ނެތަސް، ހަނދާންތައް ހިތުން ފިލައިގެން ނުދާނެ!

މިއަދަކީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙުމަދު ރިޟްވާން، ވީނުވީއެއް ނޭނގި ގެއްލުނުތާ ހަތަރު އަހަރު ފުރުނު ދުވަހެވެ.
ކޮންމެ އަހަރެއްގެ ވެސް މިދުވަސް ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި އަދި ޚާއްސަކޮށް ރިޟްވާންގެ އާއިލާއިން ފާހަގަ ކުރަނީ ނުހަނު ހިތާމަވެރި ދުވަހެއްގެ ގޮތުގައެވެ. އެގޮތުން ކޮންމެ އަހަރެއްގެ ވެސް މިދުވަހު، އޭނާ ހޯދައި ދިނުމަށް އެދި ގޮވާލައި، ރިޟްވާންގެ ހަނދާނުގައި ހިނގާލުމެއް ވެސް ބާއްވައެވެ.

މިއަދުގެ ހިނގާލުން ވެސް ހަވީރު 16:00 ގައި ޗާނދަނީމަގާއި މަޖީދީމަގު ގުޅޭ ހިސާބުން ފެށެން ނިންމާފައިވާއިރު، މިހާތަނަށް މިހާދިސާއާއި ގުޅޭ ގޮތުން ލިބިފައިވާ ބައެއް މައުލޫމާތުތަކަށް ވެސް އަލިއަޅުވާލާނަމެވެ.
ޝައްކެއްވެސް ނެތް ގޮތުގައި ރިޟްވާން ހޯދުމުގެ މަސައްކަތުގައި ހުއްޓުމެއް ނެތި އެންމެ ބުރަ މަސައްކަތެއް ކުރަނީ އޭނާގެ އާއިލާއެވެ. އޭނާގެ އާއިލާއިން ބުނި ގޮތުގައި ރިޟްވާން އަށް ވީނުވީއެއް އޮޅުންފިލުވައި، އޭނާ ހޯދުމަށް މިވީ ހަތަރު އަހަރު ތެރޭގައި ވެސް އެއާއިލާއިން އުންމީދު ކަނޑައެއް ނުލައެވެ.

"އިއްޔެވެސް މިއަދު ވެސް އަދި މާދަމާ ވެސް އިންޝާ ﷲ އަޅުގަނޑު ހުންނާނީ ހިތްވަރާއިއެކު އަޅުގަނޑުގެ ކޮއްކޮއަށް ހެދިގޮތެއް އޮޅުންފިލުވާ ކޮއްކޮއަށް އިންސާފު ހޯދައި ދިނުމަށް މަސައްކަތް ކުރުމުގަ. ޖަރީމާތައް ހިންގި މީހުންނަށް ޙައްޤު އަދަބު ދިނުމަށް ހަރުއަޑުން ގޮވާލުމުގަ" ރިޟްވާންގެ ދައްތަ ފާތިމަތު ޝެހެނާޒް ބުނެފައިވެއެވެ.

ރިޟްވާން ގެއްލުނު ހާދިސާއާއި ގުޅޭގޮތުން މިދިޔަ އަހަރު ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލިއެވެ. އެގޮތުން ޕީޖީ އޮފީހުން ދައުވާ އުފުލާފައިވަނީ ހ. ހިލްޓަން އަހުމަދު އާލިފް ރައޫފް އާއި ގދ. ވާދޫ ކަރަންކާގޭ މުޙައްމަދު ނޫރައްދީން ގެ އިތުރުން ސ. ހުޅުދޫ އަތިޔާގޭ މުޙައްމަދު ސުއައިދު އެވެ.

މައްސަލައިގެ ދައުވާ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 15 ވަނަ އުފުލާފައިވާއިރު، މައްސަލައިގެ އެންމެ ފުރަތަމަ އަޑުއެހުން ފަށާފައިވަނީ 20 ސެޕްޓެމްބަރ 2017 ވަނަ އަހަރުއެވެ.
ތިން މީހެއްގެ މައްޗަށް ރިޟްވާން ގެއްލުވާލިކަމުގެ ދައުވާ އުފުލި ކަމުގައިވިޔަސް، މިދައުވާގައި ކޯޓަށް ހާޒިރު ކުރެވުނީ އާލިފް ރައޫފް އާއި މުޙައްމަދު ނޫރައްދީން އެކަންޏެވެ. ޝަރީޢަތަށް ހާޒިރުކުރުމަށް ޗިޓު ހަވާލުކުރަން ދިޔުމުން، ސުއައިދު ވަނީ މަރުވެފައިކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ.

ރިޟްވާނަށް އިންސާފު ލިބޭނެ ކަމުގެ އުންމީދުގެ ހުޅުކޮޅު ރޯވަމުން ދިޔައެވެ. ޝަރީޢަތް ފެށި ހެއްކާއި ޤަރީނާތައް ވެސް ކޯޓަށް ހުށަހަޅަމުން ދިޔައެވެ.
ނަމަވެސް މިމަހުގެ 2 ވަނަ ދުވަހު މިމައްސަލައިގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވާފައިވާއިރު، އެހުކުމުގެ ސަަބަބުން އަނެއްކާވެސް ވަނީ ރިޟްވާންގެ އާއިލާއާއި އެކުވެރިންގެ އިތުރުން، އޭނާއަށް ހެޔޮ އެދޭ އެންމެންނަށް ވެސް މާޔޫސްކަން ގެނުވާފައެވެ.

ރިޟްވާން ގެއްލުވާލިކަމަށް ތުހުމަތުކުރި އާލިފް ރައޫފް އާއި މުޙައްމަދު ނޫރައްދީން މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެމައްސަލަ ތަހުގީގު ކުރުމުގަައި ފުލުހުން ބައެއް މުހިންމު ކަންކަން ފުރިހަމަ ކޮށްފައިނުވާކަން ވެސް ފާހަގަ ކޮށްފައެވެ.

އެކަމާއިމެދު ރިޟްވާންގެ ދައްތަ ބުނެފައިވަނީ މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް ފުލުހުން ސީސީޓީވީ ފުޓޭޖް ހުށަހަޅާފައިވާއިރު، އެފުޓޭޖުން ބަލަން ބޭނުންވި އެއްޗެއް ޝަރީޢަތަށް ހުށަހަޅާފައިނުވާ ކަމަށެވެ. މީގެއިތުރުން ރިޟްވާން ގެއްލުވާލިކަމަށް ބުނާ ސަރަޙައްދުން ވަޅިއެއް ފެނިފައިވާކަމަށް ހެކިން ބުނެފައިވާއިރު ފޮރެންސިކް އެނެލިސިސް އެއްވެސް ނެގިފައި ނުވާކަން ވެސް ޝެހެނާޒް ފާހަގަ ކޮށްފައިވެއެވެ.

އަޅުގަނޑުމެން އެންމެންގެ ދުޢާއަކީ ރިޟްވާންއަށް ވީނުވީއެއް ވީއެންމެ އަވަހަކަށް ހާމަވެ، އޭނާގެ އާއިލާއާއި ގާތް އެންމެހާ ފަރާތްތަކަށް އިހަށްވުރެ ބޮޑަށް ހިތްވަރާއި ކެތްތެރިކަން ވެސް މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ މިންވަރު ކުރެއްވުމެވެ.


މިއަދު އޮންލައިން