ދިވެހި ރައްޔިތުންގެ ތެރެއިން ވަކިފިކުރެއްގެ ބައަކީ "ބައިގަނޑެއް" ކަމަށް ސަރުކާރުން ދެކޭނަމަ އިޒްރޭލާ ތަފާތެއް އެބައޮތްބާ؟
ދިވެހި ރައްޔިތުންގެ ތެރެއިން ވަކިފިކުރެއްގެ ބައަކީ "ބައިގަނޑެއް" ކަމަށް ސަރުކާރުން ދެކޭނަމަ އިޒްރޭލާ ތަފާތެއް އެބައޮތް ކަމާއިމެދު ގިނަބައަކު ސުވާލު އުފައްދައެވެ.
"ބައިގަނޑު" މި ބަސް ޢާންމު ގޮތެއްގައި ބޭނުންކުރަނީ އެމީހަކު ނަފްރަތުކުރާ ބައަކަށް ނިޞްބަތްކޮށެވެ. މިފަދަ ބަސްތައް ބޭނުންކުރާ މީހުންނަށް ޢާންމުކޮށް ކިޔައި އުޅެނީ "ވަކަރުގޭ ކުދިން"ނެވެ. އެފަދަ ދަށުދަރަޖައިގެ ބަސްތަކަކީ "ވަކަރުގޭ ބަހުރުވަ"ކަމަށް ޤަބޫލުކޮށް ރައްޔިތުންނާއި މުޚާޠަބްކުރުން ފަދަ ކަންކަމުގައި މިފަދަ ބަސްތައް ބޭނުމެއް ނުކުރެއެވެ.
އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ސަރުކާރުގެ ޕޯޑިއަމްތަކުގައި ހުންނަވައިގެން ދިވެހި ރައްޔިތުންނާއި މުޚާޠަބް ކުރައްވާއިރު އެމްޑީޕީގެ މެންބަރުންނަށް ނިޞްބަތް ކުރައްވައި ވިދާޅުވަމުން ގެންދަވަނީ "އެމީހުންގެ ވަށައިގެން އުނބުރޭ ބައިގަނޑު"ގެ ގޮތުގައެވެ.
ސިޔާސީ ފިކުރު ތަފާތުވުމުން އެބައަކަށް ސަރުކާރުން މިހައި ވަރަށް ނަފްރަތު ކުރާނަމަ އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ގިނަ ބައަކު ބުނަނީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ރަޖިސްޓްރީކޮށް އެމީހަކު ބޭނުންވާ ފިކުރަކަށް ތާއީދު ކުރުމުގެ މިނިވަންކަން ޤާނޫނު އަސާސީގައި ރައްޔިތުންނަށް ދީފައިވާތީއެވެ.
އިޒްރޭލުގެ ވެރިން މިފަދަ ބަސްތައް މުސްލިމުންނަށް ނިޞްބަތްކުރެއެވެ. އަދި މުސްލިމުން ދެކެ ރުޅި އަންނަ މީހުން ވެސް މުސްލިމުންނަށް ނިބްބަތްކޮށް މިފަދަ ބަސްތައް ބޭނުންކުރެއެވެ.
ރާއްޖޭގެ ކޮންމެ ސިޔާސީ ޕާޓީއަކަށް ތާއީދުކޮށް ފިކުރު ތަފާތު ނަމަވެސް ދިވެހި ރައްޔިތުންނަކީ މުސްލިމުންނެވެ. މުސްލިމުންގެ ތެރެއިން ވަކި ބައަކަށް ނިޞްބަތްކޮށް މިފަދަ ބަސްތައް ބޭނުން ކުރުމަކީ ވާހަކަ ދެއްކުމުގެ އަދަބުތަކާއި ޚިލާފް ކަމެއް ކަމަށްވެސް ގިނަ ބައަކު ދަނީ ބުނަމުންނެވެ. އަދި ސަރުކާރުގެ ަވަޒީރުން މިފަދަ ބަސްތައް ބޭނުން ކުރުމަކީ އެއްވެސް ސަރުކާރެއްގެ ތެރެއިން ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ވެސް ގިނަ ބައަކު ދަނީ ބުނަމުންނެވެ.