ޝަރީއަތް ކުރުމުގެ ގަވާއިދަށް މިއަދު އަމަލުކުރަން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
ޝަރީއަތް ކުރުމުގެ ގަވާއިދަށް މިއަދު އަމަލުކުރަން ފަށައިފި
ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ޝަރީއަތް ކުރުމާ ގުޅޭ ގޮތުން ހަދަންޖެހޭ ގަވާއިދަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.

ގަވާއިދުގައި ޖިނާއީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމާއި، ހުށަހަޅާ މައްސަލަތައް ކޯޓުތަކުން ބަލައިގަތުމާއި، ޝަރީޢަތް ހިންގުމުގައި ކޯޓުތަކުން ޢަމަލުކުރަން ޖެހޭ އެއްގޮތް އުސޫލުތައް ހިމެނެއެވެ.

މިގަވާއިދަށް އަމަލު ކުރަން ފެށުމާ އެކު، ކުރިން އަމަލުކުރި ހަ ގަވާއިދެއް އުވުނީ އެވެ. އުވުނު ގަވާއިދުތަކަކީ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ގަވާއިދާއި، ކަފާލާތުގައި ދޫކުރުމުގެ ގަވާއިދާއި، ޖިނާއީ މައްސަލަތައް އަވަސް ނިޔާ އިން ނިންމުމުގެ ގަވާއިދާއި، ޖިނާއީ މައްސަލަތަކުގައި ޝަރީއަތް ހިންގުމުގެ ގަވާއިދާއި، މީހުން ދިރިއުޅޭ ތަންތަނަށް ބަލައި ފާސް ކުރުމަށް ތަހުގީގުކުރާ ފަރާތުން ވަނުމުގެ ހުއްދަ ދިނުމުގެ ގަވާއިދު އަދި ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގައި ހިމެނޭ ޖިނާއީ އިޖްރާއާތުގެ އާންމު އުސޫލުތަކެވެ.

މިގަވާއިދު ބުނާ ގޮތުން ކޯޓު އަމުރު ނެރޭނެ ފަނޑިޔާރުން ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ. އަދި އެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރުންނާއި އަމުރު ދޫކުރުމަށް އެ ފަނޑިޔާރުންނަށް ޚާއްސަ ކޮށްފައިވާ ދުވަސްތައް އެނގޭނެ ތާވަލެއް ހެދުމަށް ފަހު ކަމާ ބެހޭ ފަރާތްތަކަށް ކޯޓުތަކުން އަންގަން ޖެހޭނެ އެވެ.

ގާނޫނާ ޚިލާފަށް މީހަކު ބަންދުން ކޮށްފައިވާ ކަމަށް ދެކޭ ނަމަ އެ މީހަކު ބަންދުން މިނިވަން ކުރުމަށް އެދި ހެބިއަސް ކޯޕަސްގެ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު، ބަންދުގައިވާ މީހާ ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކަށް ވެސް އޮންނާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ، އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އަޅައި، ވީ އެންމެ އަވަހަށް އެ މައްސަލައެއްގައި ގޮތެއް ނިންމަން އެ ގަވާއިދު ލާޒިމްކުރެ އެވެ.

ޖުމްލަ 17 ބާބެއްގެ މައްޗަށް އެކުލެވިގެންވާ މިގަވާއިދު ބުނާ ގޮތުން ކުށުގެ ތުހުމަތުގައި ހުރި މީހަކު ޝަރުތުކޮށްފައި ބަންދުން ދޫކުރާ އިރު ކަނޑައަޅާ މުއްދަތު 100 ދުވަހަށް ވުރެ އިތުރު ވެގެން ނުވާނެ އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ހަދަންޖެހޭ އެ ގަވާއިދަށް މިއަދު އަމަލު ކުރަން ފެށީ އެ ގަވާއިދު ހަދަންޖެހޭ މުއްދަތު ހަމަވި ފަހުންނެވެ.
މިއަދު އޮންލައިން